އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރކުރުމުގެ ދައުވާ އުފުލައިފިއެވެ.
އަންގާރަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)އަށް އެކި ފަރާތްތަކުން ދޭ ފައިސާ އަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފް.އޭ.އެމް އަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 19 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަޤީލް، މ. ހިރިނައިދޫ، ހަސަން ވަހީދު އަދި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
އަމީން ކޮންސްޓްރަކްޝަންގެ އިތުރުން މިދެމީހުންގެ މައްޗަށް ދައުވާ ކުރަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި އެ ދެމީހުން ވެސް އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރަން ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އަމީން ކޮންސްޓްރަކްޝަނަށް ދައުވާ އުފުލާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ކ. މާލެ، ގ. ފަހިވާ ބައްސާމު އަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ރައީސްގެ މަގާމުގައި ހުރެ، އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކު، 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފް.އޭ.އެމްގެ އެކައުންޓަށް USD1,919,950 (އެއް މިލިއަން ނުވަލައްކަ ނަވާރަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ނެގޭ ގޮތަށް އެ ޗެކު އަމީން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފް.އޭ.އެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީ ކަމަށެވެ.
އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް ނަގުދު ފައިސާ އިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑަރކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށް ޕީޖީން ބުނެއެވެ.
ޕީޖީން ބުނީ، މީގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި، އަމީން ކޮންސްޓްރަކްޝަންގެ މި އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން، އަޤީލުގެ މައްޗަށް ދައުވާކުރާ ސަބަބު ގޮތުގައި ބުނެފައިވަނީ، އޭނާ 2013 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ، ބައްސާމް، 26 ޖަނަވަރީ 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެފް.އޭ.އެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް USD1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފް.އޭ.އެމްއަށް ލިބިފައި ނުވަނީސް، އަމީން ކޮންސްޓްރަކްޝަނުން އެފް.އޭ.އެމްއަށް، ޖުމްލަ 15،420،000 (ފަނަރަ މިލިއަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީ ކަމަށެވެ.
ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ހަސަން ވަހީދު، 2014 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ އެކި މަގާމުތައް އަދާކުރަމުން އައިސް، ބައްސާމު، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް USD100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 (އެއް މިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އެފް.އޭ.އެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަރޕްރައިޒަސް އިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
ޕީޖީން ބުނީ އެފް.އޭ.އެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސް އަށް USD100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 (އެއް މިލިއަން ފަސްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ) އެފް.އޭ.އެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ވެސް ހަސަން ވަހީދު އެހީތެރިވެދީފައިވާ ކަމަށެވެ.