ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނަކީ ޕީއެންސީގެ އަޅުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ފުދިއްޖެ-ފުނޑިއްޖެ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ނުލިބޭ ވާހަކަތައް ދައްކަމުންދަނީ ނުލިބޭތީ ކަމަށާއި، ޚިދުމަތް ލިބޭ ކަމަށްވާނަމަ އެވާހަކަތައް ނުދައްކާނެ ކަމަށެވެ.
މެންބަރު ޒިޔާދު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުގައި މައްސަލައެއް ދިމާނުވެ، ލިބުނު އާސަންދަ ނުލިބޭ ކަމަށާއި، ކަރަންޓު ބިލު ގަބޫލުނުކުރެވޭ މިންވަރަށް ބޮޑުވަމުންދާ ކަމަށެވެ. އަދި މަސްވެރިންނަށް އައިސް ނުލިބި އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. ގާނޫނު އަސާސީއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ގާނޫނު އަސާސީން ހައްގުތައް ކަށަވަރުކުރީ ވެސް މަގުމަތިން ކަމަށާއި، އެހައްގުތައް ނިގުޅައިގަންނަވަމުންދާއިރު، އެހައްގުތައް ހޯދުމަށް ނުކުންނަންޖެހޭނީ މަގުމައްޗަށް ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުމަތިނޫން ގޮތެއްނެތް ކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންނަކީ ޕީއެންސީގެ އަޅުން ކަމަށާއި، އެއީ ރައްޔިތުންގެ މެންބަރުން ނޫން ކަމަށެވެ.
މަޖިލިސް މެންބަރުން ތިބީ ޒުވާނުންގެ މެންބަރުންގެ ގޮތުގައި ނޫން. ޕާޓީންގެ އަޅުންގެ ގޮތުގައި. ޕާޓީން ބުނިއްޔާ ބުނިކަމެއް ކުރަން ތިބީ. ޒުވާނުންގެ މެންބަރުންނެއް ނެތް. މަސްވެރިންގެ މެންބަރުންނެއް ނެތް. ދަނޑުވެރިންގެ މެންބަރުންނެއް މިހާރު ނެތް. ނުތިބޭނެ. ޕާޓީގެ މެންބަރުން ތިބޭނީ. އެހެންވީމަ ދެންޖެހޭނީ ރައްޔިތުންގެ ހައްގު ހޯދަން އޮތް ދިމާލަށް ނުކުންނަން. ގާނޫނު އަސާސީ ހޯދަން މަސައްކަތް ފެށީ މަގުމަތިން. ގާނޫނު އަސާސީން ލިބޭ ހައްގުތައް އުނިވެގެންދިޔާމަ ދެންޖެހޭނީ އަނެއްކާ ވެސް މަގުމަތިން އެމަސައްކަތް ކުރަން. އެކަން ކުރަން ވީހާ ވެސް ގިނަ ރައްޔިތުން ނުކުމެ މިމެސެޖް ސަރުކާރަށް ދެވިގެން ނޫނީ އަޅުގަނޑުގެ ހިތެއް ނުބުނޭ ސަރުކާރު ހަމަމަގަށް އެޅުވޭނޭ.ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
މެންބަރު ޒިޔާދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ސަރުކާރު ޒިންމާދާރުކުރުވައި، ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އެއްވެސް އިރެއްގައި މަގުމަތިން ވެރިކަން ވައްޓާލުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.