ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ރައްކައުކޮށްފައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ވަގަށް ރައީސް މުއިއްޒުގެ ޕާޓީ ޕީއެންސީ އަށް މީހުން ވެއްދި ކަމަށް ތުހުމަތުވާ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް، އެކަން އޮއްބާލުމަށް ނޫސްވެރިން ގެންގޮސްގެން ސަރުކާރުން ހަދަން އުޅުނު ސްޓަންޓް އަތަށް ގޮވާ އިތުރަށް ފަލީހަތްވެއްޖެއެވެ.
ޑީއެންއާރުގެ ޑޭޓާ ބޭސް ގައި ހުރި ފޮޓޯއާއި މީހުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ހޯމްލޭންޑް މިނިސްޓްރީގެ ސިޔާސީ އިސްފަރާތްތަކުން ފޯމުގައި ސޮއި ފޯޖްކޮށް އިނގިލީގެ ނިޝާން ޖަހާ ޕާޓީ ބަދަލުކުރަން މަސައްކަތް ކޮށްފައިވާކަން ވަނީ ފަޅާ އަރާފައެވެ. އެކަން ހިނގާކަމަށް ތުހުމަތު ކުރަމުން ދަނިކޮށް އެންމެ ފަހުން ޑީއެންއާރުގެ ތެރޭގައި ފޯމުފުރުމުގެ މަސައްކަތުގައި ހުންނަވަނިކޮށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާންގެ ފޮޓޯތައް ވަނީ ލީކުކޮށްލާފައެވެ. ލީކުކޮށްލި ފޮޓޯތަކުގައި ފެންނަ ގޮތުން ޑީއެންއާރު ތެރޭގައި ހޯމްލޭންޑްގެ ޑެޕިއުޓީ މިނިސްޓަރ އަދި ޑީއެންއާރާއި ހަވާލުވެ ހުންނެވި އަހުމަދު އާލީ އާއި ސިޔާސީ އިސް އެހެން ފަރާތްތަކާއެކު މިނިސްޓަރު އިހުސާން އިށީންދެގެން އިންނެވި މޭޒުމަތީގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމްތައް ދިޔައީ ފުރަމުންނެވެ. މިނިސްޓަރު އިންނެވީ ފޮޓޮ އިން ފެންނަ ގޮތުގައި ފޯނެއްގައެވެ.
މިނިސްޓަރ ވިދާޅުވެފައި ވަނީ އެތަނަށް ވަޑައިގަތީ ޕިއްޒާއެއް ކެއުމަށް ލިބުނު ދައުވަތަކާއި ގުޅިގެން ކަަމަށެވެ.
ޕާޓީގެ މެންބަރުންގެ ދަފުތަރު އިތުރުކުރުމަށްޓަކައި ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރި ކަމަށް ތުހުމަތުކުރެވުމާއި އެކު އެކަމުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ޑީއެންއާރާއި ހޯމް މިނިސްޓްރީ ހޫނުފެނަށް ވެއްޓިފައި ވަނިކޮށް އަންގާރަ ދުވަހު އެ ވުޒާރާއިން ވަނީ ނޫސްވެރިންނަށް ޑީއެންއާރުގެ މަސައްކަތް ދައްކާލުމަށް ދައުވަތުދީފައެވެ. އެ ދައުވަތުގައި ބުނެފައި ވަނީ އެއީ ނޫސްވެރިންނަށް ޑީއެންއާރުގެ މަސައްކަތް ދައްކާލުމަށް ބާއްވާ އިވެންޓެއް ކަމަށެވެ. ނޫސްވެރިން ގެންގޮސް ބޭތިއްބި ކޮޓަރީގައި ޕިއްޒާ ހުރީ ބަހައްޓާފައެވެ. ވަކި ހިސާބަކުން ކުއްލިއަކަށް ނޫސްވެރިން އެ ކޮޓަރިން ބޭރަށް ނެރުނީ ނިއުސް ބްރީފިން އެއް ދިނުމަށް ކަމަށް ބުނެއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ތިބީ ސްޓޭޓް މިނިސްޓަރ މަޖީދު އާއި ޑެޕިއުޓީ މިނިސްޓަރ އަހުމަދު އަލީގެ އިތުރުން ޓެކްނިކަލް މުވައްޒަފެކެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ނޫސްވެެރިން ތިބި ކޮޓަރިއަކީ ޑީއެންއާރުގެ ތެރޭގައި އިހުސާން އިންނަވަނިކޮށް ނަގާފައިވާ ފޮޓޯކަމަށް ބުނާ ފޮޓޯގައި ފެންނަ ކޮޓަރިއެވެ. ނޫސްވެރިން ވަނީ އެތަނުގައި އިހުސާން ހުންނެވި ސަބަބާއި ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލްތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ނުދެވި ނޫސްވެރިންގެ ބްރީފިން ދެއްވަން ތިއްބެވި ބޭފުޅުން ވަނީ އެތަން ދޫކުރައްވާ ފިއްލަވާފައެވެ. ނޫސްވެރިންނާއި ކުރިމަތިލެއްވީ ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރެވެ. ނޫސްވެރިންގެ ބައްދަލުވުން ނިމުނީކަން ނުވަތަ ނޫންކަން ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށްދެއްވާފައެއް ނުވެއެވެ.