ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 13:55
މަޖިލިސް ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ޖުލައި 31 ވަނަ ދުވަހު
މަޖިލިސް ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ޖުލައި 31 ވަނަ ދުވަހު
މަޖިލިސް
މަޖިލިސް ޖަލްސާ
މަޖިލިސް ޖަލްސާތައް މެދުކަނޑާލާފައި އޮންނަތާ ތިން ހަފްތާ ފަހުން މާދަމާ ޖަލްސާއެއް!
އެންމެ ފަހުން ޖަލްސާއެއް ބޭއްވީ ޖުލައި 31 ވަނަ ދުވަހު
މަޖިލިސް އިދާރާގައި އަލިފާނުގެ ހާދިސާއެއް ހިނގި
ޖުމްލަ ތިން ކަމެއް އެޖެންޑާ ކޮށްފަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި އޮންނަތާ ތިން ހަފްތާ ފަހުން، މަޖިލިސް ޖަލްސާއެއް އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ ޖުލައި 31 ވަނަ ދުވަހު އެވެ. އެ ޖަލްސާގެ ރިޔާސަތުގައި މަޖިލިސް ރައީސް އަބްދުﷲ މަސީހު ހިންނެވުމުން އިދިކޮޅު މެންބަރުން ވަނީ އިހުތިޖާޖުކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ.

މެންބަރުން އިހުތިޖާޖު ކުރީ މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ބާތިލްކުރުމަށްފަހު ރިޔާސަތުގައި މަސީހު އިންނެވުމުންނެވެ.

ޖުލައި 31 ވަނަ ދުވަހުގެ ޖަލްސާ ނިމުނު ފަހުން، ހަވީރުގެ ވަގުތެއްގައި މަޖިލިސް އިދާރާގެ ފާހާނާއެއްގައި އަލިފާނުގައި ހާދިސާއެއް ހިނގި އެވެ. ޓިޝޫ ފޮއްޓެއްގައި އަލިފާން ރޯކޮށްލި ކަމަށް ބެލެވޭއިރު، އެކަމާ ގުޅިގެން "އާންމު ހާލަތަކަށް މަޖިލިސް އަންނަންދެން" ޖަލްސާތައް މެދުކަނޑާލި އެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ތިން ކަމެކެވެ.

އެގޮތުން ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ، މުޙައްމަދު ޙުސައިން ޝަރީފް(މުންދު)ގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލަ އެޖެންޑާކޮށްފައިވެއެވެ. ސްރީލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ އިރު، އޭނާ މިހާރު ހުންނެވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގަ އެވެ. 

ލަންކާގައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ވަކިކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ، އަހުމަދު ނަސީރުގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި އެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށްފަހު އަލީ ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި އެޖެންޑާގައި ހިމެނެނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ. ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.

މަޖިލިސް ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައިމިވަނީ، ޖަލްސާތައް ނުބާއްވައިގެން އިދިކޮޅު މެންބަރުންގެ ފާޑުކިޔުން ސަރުކާރަށާއި މަސީހަށް އަމާޒުވެފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް