މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން މި ނުކުންނަނީ ހިނގާލަން ނޫން ކަމަށާއި އެ ދުވަހު މި ނުކުންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކުރަންކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑޭ އެފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ޤާނޫނު އަސާސީގެ ދިފާއުގެ ނަމުގައި ކުރިއަށް ގެންދިއަ ޕީޓްރަލް ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް މުއިއްޒުގެ މި ސަރުކާރުން ޒުވާނުންނާއި ގައުމުގެ ރައްޔިތުންނަ އެތަށް ގޮތަކުން ދަތިކޮށް، އެތައް ހައްގުތަކަކުން މަހުރޫމުކޮށްފައިވާ ކަން ފާހަގަކުރައްވާ ވައްޑޭ ވިދާޅުވީ މިއަދުގެ ޒުވާނުންނަށް ބިޑިއޮޅަން ޖައްސައި ރޭސް ޖަހާ ޒުވާނުން ހާލުޖައްސާ މުޅިގައުމުގެ ޒުވާނުންނާއި ރައްޔިތުން އިނދަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން މި ނުކުންނަނީ ހިނގާލަން ނޫން ކަމަށާއި މި ނުކުންނަނީ ސީދާ މި ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކުރަން ކަމަށް ވައްޑޭ ވިދާޅުވިއެވެ.
ގައުމުގައި މިވަގުތު ހުރި ކަންބޮޑުވުންތައް ފާޅުކޮށް ރައީސް މުއިއްޒަށް ރައްދުދެއްވާ ވައްޑޭ ވިދާޅުވީ ބިރުދައްކައިގެން ފަހަތައް ނުޖެއްސޭނޭ ކަމަށެވެ. އަދި ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެރިކަން ހޯދަން އެންމެ ބޮޑަށް މައްސައްކަތް ކުރައްވާފައިވަނީ ޒުވާނުން އަތުއަޅުވާލައިގެން އެ ޒުވާނުނަށް އެތަކެއް ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާއި އެކު ރައީސް މުއިއްޒު އުޅުއްވަނީ ފިއްލަވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ޒުވާނުންނަށް ވެ ވަޑައިގަތް އެއްވެސް ވައުދެއް ނުފުއްދަވާ ކަން ފާހަގަކުރައްވާ ވައްޑޭ ވިދާޅުވީ އެ ޒުވާނުންނަށް ފިއްލަވައިގެން މިއަދު އުޅުއްވެވުނަސް އަދި އެ ޒުވާނުންނާއި ރައީސް މުއިއްޒު ކުރިމަތި ލައްވަން ޖެހިވަޑައިގަނަވާނޭ ކަމަށާއި އެދުވަސް ދާދި ގާތުގައި ވާކަމަށެވެ. އަދި އެ ދުވަހަކުން ޒުވާނުން ރައީސް މުއިއްޒަށް ރަނގަޅު މެސެޖެއް ދެއްވާނޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން 31 ވަނަ ދުވަހު މި ނުކުންނަނީ ހިނގާލާކަށް ނޫން. މި ސަރުކާރު، މި ސަރަހައްދުގެ ބޭފުޅުންނާއި އެކު ކުޑަކަކޫ ޖައްސުވަންވެގެން މި ނުކުންނަނީ. ޒުވާނުނާ ބިޑި އޮޅަން ޖެއްސީމަ އަޅުގަނޑުމެން މި ނުކުންނަނީ. ރޭސް ދުއްވާ ކުދިންނަށް ހާލުޖެއްސީމަ އަޅުގަނޑުމެން މި ނުކުންނަނީ. އެ ހުރިހާ ރައްޔިތުން މިއަދު އިނދަޖައްސައިފި. ހުރިހާ ރައްޔިތުންގެ ހައްގުތައް މިއަދު ނަގާލައިފި. އެހެންވެގެން އަޅުގަނޑުމެން މި ނުކުންނަނީ. ހިނގާލާކަށް ނޫން މި ނުކުންނަނީ. ސީދާ މި ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކުރަން މި ނުކުންނަނީ.އަބްދުﷲ ވަހީދު
ވައްޑޭ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުތަކާއި ވައްކަންތައް އެނގިހާމަވެއްޖެ ކަމަށާއި އެސްޓޯނިއާއަށް ވެސް އެ ވަޑައިގަތީ ސީދާ ސަބްމެރިން ކޭބަލުން ވައްކަންކޮށް އެ ކޭބަލް އެހެންބަޔަކަށް ދޭނޭގޮތެއް ހޯއްދަވަން ކަމަށެވެ. އެހެން ނޫން ނަމަ ވަޑައިގަންނަވަންވީ އެސްޓޯނިއާކަށް ނޫން ކަމަށާއި ވަޑައިގެން ބައްލަވަންވީ މިއަދު ދިވެހިރައްޔިތުން އުޅުއްވަމުން ގެންނަދަވާ ދަތި ހާލަތުކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒާއި އެކު ދަތުރުފުޅުގައި މިހާރުގެ ހޯމް މިނިސްޓަރ އިހުސާންވެސް ގެންދަވާފައި ހުރިކަން ފާހަގަކުރައްވާ ވައްޑޭ ވިދާޅުވީ މިނިސްޓަރ އިހުސާނަކީ ދިވެހި ރައްޔިތުުންގެ ޑީއެންއާރުން މައުލޫމާތު ވަގަށް ނަންގަވައިގެން ހުރިހާ ފޯމްތަކެއް އިލެކްޝަނަށް ވެެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާކަމަށާއި އަދި މިހާރު އެ އުޅުއްވަނީ އެ ބޭފުޅާއާއި އެކު މިހާރު އަޅަމުން އެ ގެންދާ ސަބްމެރިން ކޭބަލުން ވައްކަން ކުރަންނެވެގެން ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި މިއަދު މި ސަރުކާރުން ކުރަމުން އެ ގެންދާ ވައްކަންތައް ބަލައި ތަހުގީގު ކުރެވޭނޭ ދުވަހެއް އަންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވައްޑޭ ވަނީ ދިވެހި ފުލުންނަށާއި އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް މި ސަރުކާރުން ކުރަމުން އެ ގެންދާ ވައްކަންތައް ބަލައި ތަހުގީގެއް ހިންގައިދިނުމަށް ގޮވާލާފައެވެ.