ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ އެލެގްޒެންޑާ ސޯލޮތު އެވެ. އޭޣެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ސޯލޮތު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެލްޗޭގެ ނިކޮލަސް ފެނާންޑޭޒް މާކޫ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި އެތުލެޓިކޯގެ ތިން ވަނަ ލަނޑު ޖެހީ ރޮޑްރީގޯ ރިކުއޭމީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކޯނޯ ގަލަގާ އެވެ. މެޗުގައި އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު، މެޗުގެ 75 ވަނަ މިނެޓުގައި ޖެހީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ ދަތުރުކޮށްފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން މުބާރާތް ކާމިޔަބު ކޮށްފަ އެވެ.