ކޮޕާ ޑެލް ރޭގެ ގަދަ 16 ވަނަ ބުރުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ތިން ލަނޑު ޖެހި އެވެ. އަދި މި ހާފުގައި ބެޓިސް އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ގަވީ އެވެ. އެ ލަނޑު ޖަހަން ގަވީ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑެނީ އޮލްމޯ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޖޫލްސް ކޫންޑޭ އެވެ. އެއީ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޫންޑޭ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތޭރަ ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ފެރާން ޓޮރޭސް އެވެ. އެ ލަނޑު ޓޮރޭސް ޖެހީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި މެޗުގައި ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ޔަމާލް އެވެ. އެއީ ފާމިން ލޮޕޭޒް ތަަނަވަސްކޮށްދިން ފުރުސަތެއްގައި ޔަމާލް ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ބެޓިސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ބެޓިސްގެ ހަމައެކަނި ލަނޑު ޖެހީ ވިޓޯ ރޮކޫ އެވެ.
މޮޅާއެކު ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދިއިރު، ބާސެލޯނާ އިން ވަނީ މިހާތަނަށް 31 ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ބާސެލޯނާާ އަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.