ކ. މާލެ
|
14 ޖެނުއަރީ 2025 | އަންގާރަ 14:07
ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން
ދަ ޑިމޮކްރެޓްސްގެ ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ޑިމޮކްރެޓްސްގެ ގަރާރު
ރާއްޖޭގެ ވެރިކަން ކުރުމަށް އާ އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާއަށް ގޮވާލާ ޑިމޮކްރަޓްސް އިން ގަރާރެއް ހުށަހަޅައިފި
ރާއްޖޭގެ ފެހި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ދައުލަތުގެ ބާރު ރައްޔިތުންގެ ކިބައިގާ އޮތްކަމާއި މެދު ސުވާލު އުފެދޭ
ސަރުކާރުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ވަނީ ކަނޑުވާލެވިފަ
ރައްޔިތުންގެ މެދުގައި އިންސާފާއި އަދުލުވެރިކަމުގެ ރޮނގުން ވެރިކަން ހިންގުމުގެ ސިފަ ނެތިގެން ގޮސްފައިވޭ

ދިވެހިރާއްޖޭގައި ވެރިކަންކުރުމުގެ އައު އޮނިގަނޑަކާއި ގުޅޭ މަޝްވަރާތައް ހިންގަން ފެށުމަށް ގޮވާލައި ރާއްޖޭގެ ސިޔާސީ ޕާޓީ "ދަ ޑިމޮކްރަޓްސް" އިން އެއްބަސްވެ، ގަރާރެއް ހުށަހަޅައިފިއެވެ.

ޑިމޮކްރެޓްސްގެ މި ގަރާރު ހުށައެޅުއްވީ ހޯމަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ނެޝަނަލް އެސެމްބްލީ ބައްދަލުވުމުގައި އެ ޕާޓީގެ މެމްބަރު، އަދި ޑީސެންޓްރައިޒޭޝަން އެންޑް ލޯކަލް ގަވަނަންސް ކޮމިޓީގެ މުޤައްރިރު، މުޙައްމަދު ވަހީދު (ވައްޑެ) އެވެ.

ވައްޑެ ހުށަހެޅުއްވި މި ގަރާރުގައި ރާއްޖޭގައި މިހާރު މި އޮތް ވެރިކަމުގައި ހިންގަމުން ގެންދާ ނޭންގާގީ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ހޯމަ ދުވަހުގެ ރޭގައި ވައްޑެ ހުށަހެޅުއްވި މިގަރާރުގައި ދިވެހި ރައްޔިތުންގެ އެތަކެއް ހިންމަތާއި މިންނަތުން އަދި އެތައްބައެއްގެ އެތަކެއް ޤުރުބާނީން ހޯދުނު ރާއްޖޭގެ ފެހި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ދައުލަތުގެ ބާރު ރައްޔިތުންގެ ކިބައިގާ އޮތްކަމާއި މެދު ސުވާލު އުފައްދާފައިވެއެވެ. އެގޮތުން އެ ބާރުވެރިކަން އަރައިރުންވާ ފަދައަކުން ރިޔާސީ ބާރުވެރިކަން މާ ބޮޑުވެ، މާ މަތިވެރިވެގެން ގޮސްފިކަމަށް ގަބޫލުކުރުމާއި ޤާނޫނު އަސާސީގެ އިން ވަކިކުރެވިފައިވާ 3 ބާރުގެ އިންތައް ނެތިގޮސް، ވެރިކަން ހިންގުމުގެ ބާރުގެ ހައްދެއް ނެތް ނުފޫޒާއި ވަސީލަތްތަކުގެ ބޭނުން ހިފައި ޤާނޫނު ހެދުމުގެ ބާރު ވެރިކަން ހިންގުމުގެ ބާރުގެ ދަށަށް މަހާލެވޭ ސަޤާފަތަކަށް ފުރޮޅި އެކަން ތަކުރާރު ވުމުގެ އާދައެއް އަށަގަނެފައި ވާކަމަށް ފާހަގަކުރިއެވެ.

އަދި މި ދެ ބާރު އެކުވެ އެކަތިގަނޑަކަށް ވުން، އެ ދެބައިމީޙުންގެ ސިއްރު ޑީލުތަކުން ޝަރުޢީ ނިޒާމަށް ބާރު ހިންގުމާއި އަދި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަނޑުވާލެވި، އިހުގެ އައްޔަނު ކުރެވޭ ކަމިޝަނަރުންގެ ހާލަތަށް އެ މުއައްސަސާތަކުގެ ކަމިޝަނަރުންގެ ވަޒީފާގެ ޔަގީންކަން ވެރިކަން ހިންގާފަރާތުގެ މުށަށް ނެގިފައި ވުމުގެ އިތުރުން ރާއްޖެއަށް ޓެކުހުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ހޭދަކުރުމުގައި ފިތްކަނޑައިގެންދާ މިންވަރަށް ވެރިންގެ ސިޔާސީ އިސްރާފާއި ކޮރަޕްޝަން އާންމުވެގެން ގޮސްފައި ވުމާއި ލިބޭ ބޮޑު އާމްދަނީން ދެކޮޅު ނުޖެއްސި ނަގާ ދަރަނި އިންތިހާއަށް ބޮޑުވެ ގައުމުގެ ސިޔާދަތަށް ނުރައްކާމިންވަރު ބުރައަކަށް ވެފައިވާ ކަމަން މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މެދުގައި އިންސާފާއި އަދުލުވެރިކަމުގެ ރޮނގުން ވެރިކަން ހިންގުމުގެ ސިފަ ނެތިގެން ގޮސް ދައުލަތުގެ ޚިދުމަތްތަކާއި ދައުލަތުން ހަމަހަމަކަމާއި އެކު ފޯރުވައިދޭން ޖެހޭ ފުރުސަތުތައް ފޯރުވައި ދިނުމުގައި ތަފާތުކުރުންތައް އިންތިހާއަށް ގޮސްފައިވާ ކަންވެސް މި ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މި ގަރާރުގައި އިތުރަށް ބުނެފައިވަނީ ކޮންމެ ފަސް އަހަރަުން ފަސް އަހަރަކުން ބައްވާ ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުން ނުކުމެ އެއިރަކު ހުންވެރިޔަކު ބަދަލުކުރުމަށް އެ ނެރޭ ނަތީޖާތަކަށް ރިއާޔަތްކުރާއިރު، ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޑިމޮކްރްޓްސް އިން ގަބޫލުކުރާ ކަމަށާއި އެހެންކަމުން ޕާޓީގެ އެތެރޭގެ މަޝަވަރާއާއި ޕާޓީން ބޭރުގެ މަޝްވަރާވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، ބަހުސްކޮށް، ދިރާސާކޮށްގެން ރާއްޖޭގެ ވެރިކަމުގެ އާ އޮނިގަނޑުގެ ސިޔާސަތު ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތް ކުރާން ފެށުމަށް ދި ޑިމޮކްރެޓްސް ނެޝަނަލް އެސެމްބްލީން އިގުރާރުވާ ކަމަށެވެ.

މި ގަރާރު ހުށަހެޅުމުގެ އިތުރުން ހޯމަ ދުވަހުގެ ރޭ "ދި ޑިމޮކްރެޓްސް" އިން ބޭއްވި އެސެމްބްލީ ބައްދަލުވުމުގައި ވަނީ އެހެނިހެން ބައެއް ކަންކަންވެސް ނިންމާފައެވެ. އެގޮތުން ހުސްވެފައިވާ އެ ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސްގެ މަގާމަށް މީހުން އިންތިޚާބުކުރުމަށް 40 ދުވަސްތެރޭގައި އިންތިޚާބެއް ބޭއްވުމަށް ވެސް ވަނީ ނިންމަފައެވެ.

މީގެ އިތުރުން ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި މިވަގުތު ތިއްބެވި ފަރާތްތަކުގެ ތެރެއިން ހުސެއިން ފިރުޝާން އާއި ހުސްވެފައިވާ ޕާޓީގެ ރައީސްކަމުގެ މަޤާމުގެ މަޝްއޫލިއްޔަތުތައް މި މުއްދަތުގެ ތެރޭގައި އަދާކުރާނެ ފަރާތްކަމަށް ނޭޝަނަލް އެސެމްބްލީގެ ސިއްރު ވޯޓަކުން ވަނީ ކަނޑައަޅާފައެވެ.

ހޯމަ ދުވަހުގެ ރޭގައި ޑިމޮކްރަޓްސް އިން ބޭއްވި ނޭޝަނަލް އެސެމްބްލީ ބައްދަލުވުމަކީ އެ ޕާޓީގެ 12 ވަނަ ބައްދަލުވުމެވެ.

- ކޮމެންޓް