ބާސެލޯނާގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ތިބޭ ތިބުމަކީ، އޭނާ އަށް އޮންނަ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ.
އޭނާ މިހެން ބުނީ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑުގެ މައްޗަށް ކުރި ހޯދައި، ބާސެލޯނާ އިން މުބާރާތުގެ ތަށި އުފުލާލި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެން ރެއާލްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފަ އެވެ.
މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފްލިކް ބުނީ، ބާސެލޯނާގެ ކުޅުންތެރިންނާ މެދު އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ބާސެލޯނާގެ ކޯޗިން އޮފިޝަލުންނާއި، ޓީމުގެ އެންމެހާ ސަޕޯޓަރުންގެ ފަރާތުން ލިބެމުން އަންނަ އާދަޔާ ޚިލާފު ހިތްވަރަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް ވެސް ފްލިކް ބުންޏެވެ. ބާސެލޯނާ ކަހަލަ ތަފާތު އަދި ހިތްވަރު ގަދަ ޓީމަކަށް އިރުޝާދު ދިނުމަކީ އޭނާ އަށް ލިބޭ ޚާއްސަ އުފަލެއް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފްލިކް ބުނީ، މެޗުގެ ވަކި ހިސާބަކުން ބާސެލޯނާގެ ގޯލު ކީޕަރު ވޮޒްލޭ ޝެޒްނީ އަށް ރަތް ކާޑު ދައްްކައި ދަނޑުން ފޮނުވާލި ފަހުން، ޓީމަށް ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ކޯޗިން އޮފިޝަލުންގެ މެދުގައި ވެސް ވަގުތު ކޮޅަކަށް މަޝްވަރާ ކުރަން ޖެހުނު ކަމަށެވެ. އަދި ޝެޒްނީގެ ބަދަލުގައި ކުޅެން ނިކުތް އިނާކީ ޕެނާ ވެސް ދެއްކީ މޮޅު ކުޅުމެއް ކަމަށް ފްލިކް ބުންޏެވެ.
ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރުމަކީ ބާސެލޯނާ އަށް ލިބުނު ހިތްވަރެއްކަން ފާހަގަ ކުރަމުން ފްލިކް ބުނީ، މުޅި ބާސެލޯނާ އޮތީ ޓީމެއްގެ ގޮތުގައި ކަމަށެވެ. ޚާއްސަކޮށް ރެއާލާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި އެކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށާއި، ކުޅުންތެރިން އެކަތި ގަނޑެއްގެ ގޮތުގައި އޮވެ ކުރާ މަސައްކަތަކީ އޭނާ އަށް އޮންނަ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.
މިއީ ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ ފަހުން އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސެލޯނާ އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަކަން ވެސް ފާހަގަ ކުރެވެ އެވެ. ރެއާލް ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރިއިރު، މިއީ ބާސެލޯނާ އިން އެ މުބާރާތް ކާމިޔާބު ކުރި 15 ވަނަ ފަހަރެވެ. އަދި ބާސެލޯނާ އަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.