ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑު ބަލި ކުރުމަށްފަހު، ބާސެލޯނާ އިން މުބާާރާތުގެ ތަށި އުފުލާލައިފި އެވެ.
ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-2 އިންނެވެ. މެޗުގައި ރެއާލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ރެއާލުން މެޗުގައި ދެ ވަނަ ލަނޑެއް ޖެހި އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަމީން ޔަމާލް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލެވަންޑޯސްކީ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑެއް ޖެހީ އަލެހާންދްރޯ ބާލްޑެ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ފަސް ވަނަ ލަނޑެއް ޖަހައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފަ އެވެ. މާކް ކަސާޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ ރަފީނިއާ އެވެ. އޭގެ ފަހުން މެޗުގެ 56 ވަނަ މިނެޓުގައި ބާސެލޯނާގެ ގޯލު ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އޭގެ ފަހުން މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ.
މިއީ ބާސެލޯނާގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވީ ފަހުން އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އެ ޓީމުން ވަނީ މިހާތަނަށް 15 ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.