އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މޯކޭމްބްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެެލްސީން މުބާރާތުގެ އަނެއް ބުރުގެ ޖާގަ ހޯދައިފި އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން އެއް ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދޭން ލިބުނު ފުރުސަތުގައި ކްރިސްޓޮފާ އެންކުންކޫ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީ އަށް ލީޑު ނަގައިދިނީ ޓޮސިން އަޑަރާބިއޯޔޯ އެވެ. އެއީ ރީސް ޖޭމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އެންކުންކޫ ވަނީ ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ޗެލްސީގެ ތިން ވަނަ ލަނޑު ޖެހީ އަޑަރާބިއޯޔޯ އެވެ. މެޗުގައި ޗެލްސީގެ ފަހު ދެ ލަނޑު ވެސް ޖެހީ ޕޯޗުގަލްގެ ޔާއޯ ފެލިކްސް އެވެ. ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ފެލިކްސް ޖެހިއިރު، އޭގެ ދެ މިނެޓު ފަހުން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ޗެލްސީން ވަނީ މިހާތަނަށް އަށް ފަހަރެއްގެ މަތިން އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބު ކުރެވުނީ 2018 ވަނަ އަހަރު އެވެ.