ރައްޔިތުންގެ މަޖިލިސް ހުއްޓާލާފައި އޮތީ ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި އޮތުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ހަސަން ލަތީފު ވިދާޅުވީ މިއަދު ހާމަވެ ފެނިގެންދާ މަންޒަރަކީ ސަރުކާރުގެ ތާއީދު މާ ބޮޑުތަނުން ދަށަށްދާތަންކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ފެނިގެން މިދާ ކަންކަމަކީ ސަރުކާރު ހިފަހައްޓާ ނުލެވިގެން ރައީސް ޔާމީން ކުރައްވަމުންގެންދަވާ ކަންކަމެވެ. އެގޮތުން ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް މަޖިލީސް ހުއްޓުވާފައި އޮތުމާއި، މަޖިލީހުގެ ތެރެއަށް އެ މަނިކުފާނުގެ ނުފޫޒު ވެއްދުމާއި، ގާނޫނާ ޚިލާފަށް އެ މަޖިލީހުގެ މެންބަރުން ހިފާ ހައްޔަރުކުރަމުންދަނީ މަޖިލީހުގެ ތެެެރެއަށް އެމަނިކުފާނުގެ އަތްޕުޅު ބޭނުވުމަށް ކަމަށެވެ.
"ވެރިއަކަށް ހުންނަ މީހަކަށް ތާއީދު ނެތުނީމާ ކުރާކަންކަން ކުރަން ފަށާފައިވާ މަންޒަރު މިއަދު މި ފެންނަނީ. ރައްޔިތުންގެ މަޖިލީސް ނުބޭއްވި އެދަނީ ރައީސް ޔާމީންގެ ތާއީދު ނެތީމާ" ހަސަން ލަތީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވާތީ ހަސަން ލަތީފުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުންް އޭނާ ވިދާޅުވީ އެއީ އެ މެންބަރުންގެ މައްޗަށް ކުރެވިގެން ވާނެ ދައުވާތަކެއް ނޫންކަމަށް ވިދާޅުވެފައެވެ. އެ ދައުވާތައް އަނބުރާ ގެންދެވުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ސިޔާސީ ޕާޓީތައް ހިންގުމަށްވެސް މި ސަރުކާރުން އެތަކެއް ޖެއްސުންތައް ކުރަމުންދާކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ސިޔާސީ ޕާޓީތައް ހިންގޭނީ އިދާރީ ގޮތުން ކުރަންޖެހޭ ބައިވަރު ކަންކަމާއެކު ޕަޓީތައް ހިންގުމަށް ފައިސާ ނުލިބުމަކީ ނުވަތަ ސަރުކާރުން އެ ފައިސާ ހިފަހައްޓާފައި އޮތް އޮތުމަކީ ޕާޓީތައް ހިންގުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެކެެވެ.
އޭނާ ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތީން ސިޔާސީ ޕަޓީތައް ހިންގުމަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތުމުގެ ސަބަބުން އިންތިޚާބުތަކަށް ކެމްޕޭން ކުރުމަށާއި އަތޮޅުތެރޭގެ ގޮފިތަކާއި އެކިއެކި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ. އެ ފައިސާ ގާނޫނުގައިވާ ގޮތުގެ މަތީން ފޯރުކޮށްދޭނަމަ، އިންތިޚާބުތަކުގައި މިއަށްވުރެ ވެސް މާ ރަނގަޅު ނަތީޖާ ޕާޓީތަކުން ނެރެވޭނޭކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ނުދީ ހިފަހައްޓަނީ ސިޔާސީ ހަރަކާތްތައް ހިންގުނަ ނުދިނުމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ސަރުކާރުން ފައިސާ ނުދީ ހިފެހެއްޓިޔަސް މި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކުޑަކޮށްވެސް ފަހަތަށް ޖެހުނަނުދީ ކުރިއަށް ގެންދަވާނޭކަމަށެވެ.