ސައުދީ ޕްރޯ ލީގުގައި އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް އަހްލީ ސައުދީން ލީގު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.
އަލް ޝަބާބާ ދެކޮޅަށް ކުޅުނު މެޗުން އަލް އަހްލީ މޮޅުވީ 3-2 އިންނެވެ. މެޗުގައި އަލް އަހްލީން ތިން ލަނޑު ޖަހައި ލީޑު ހޯދި ފަހުން، އަލް ޝަބާބުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލް އަހްލީގެ ފުރަތަމަ ލަނޑު ޖެހީ އިވާން ޓޮނޭ އެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ގަބްރީ ވެއިގާ ޖެހި ލަނޑުން އަލް އަހްލީ ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އަލް އަހްލީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްދިނީ ސާދް ޔަސްލަމް އެވެ. މެޗުގައި އަލް ޝަބާބްގެ ފުރަތަމަ ލަނޑަކީ އަލް އަހްލީގެ މެރިހް ޑެމިރާލް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި އަލް ޝަބާބްގެ ދެ ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ މުއްސަބް އަލް ޖުވެއިރު އެވެ.
މޮޅާއެކު އަލް އަހްލީ ފަސް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 14 މެޗުން 26 ޕޮއިންޓާ އެކު އެވެ. އަލް އަހްލީގެ ފަހަތުން ހަ ވަނައިގައި އަލް ޝަބާބަށް ލިބެނީ 23 ޕޮއިންޓެވެ.