ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 09:09
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް
ރޮއިޓާސް
ނިއުކާސަލް ޔުނައިޓެޑު
ލިބުނީ ބޮޑު މޮޅެއް، އެކަމަކު މަސައްކަތް އަދި ނުނިމޭ: ހޯވް
އެ މެޗުން ނިއުކާސަލަށް ލިބުނީ ބޮޑު މޮޅެއް ކަމަށާއި، ކުރިއަށް އޮތް މެޗާ ކުރިމަތިލާއިރު އެއީ ނިއުކާސަލަށް އޮތް ހަމަޖެހުމެއް ކަމަށް ހޯވް ވަނީ ފާހަގަ ކޮށްފަ އެވެ.

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގައި އާސެނަލް އަތުން ލިބުނީ ބޮޑު މޮޅެއް ކަމަށާއި، ނަަމަވެސް މަސައްކަތް އަދި ނުނިމޭ ކަމަށް ނިއުކާސަލް ޔުނައިޓެޑުގެ ކޯޗު އެޑީ ހޯވް ބުނެފި އެވެ.

ހޯވް މިހެން ބުނީ އާސެނަލްގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ނިއުކާސަލް ވަނީ 2-0 އިން މޮޅުވެފަ އެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ނިކުންނައިރު، ނިއުކާސަލަށް ހަމަޖެހުމެއް އޮންނާނެ އެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހޯވް ބުނީ، އެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި، މިހާތަނަށް ނިއުކާސަލަށް ކާމިޔާބު ކުރެވުނީ މަސައްކަތުގެ އެއްބައި ކަމަށެވެ. އެ މެޗުން ނިއުކާސަލަށް ލިބުނީ ބޮޑު މޮޅެއް ކަމަށާއި، ކުރިއަށް އޮތް މެޗާ ކުރިމަތިލާއިރު އެއީ ނިއުކާސަލަށް އޮތް ހަމަޖެހުމެއް ކަމަށް ހޯވް ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮންމެ ދަނޑެއްގައި ކުޅެން ޖެހުނު ނަމަވެސް މެޗުން މޮޅުވާން ޖެހޭ ކަމަށާއި، ނިއުކާސަލަށް ކޮންމެ މެޗަކުން ވެސް މޮޅުވެވޭނެކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ހޯވް ބުންޏެވެ. އޭނާ ހުރި މަގާމުގައި ކޮންމެ މީހަކު ހުރި ނަމަވެސް، ވަރަށް ރޭވުންތެރިކަމާއި، ވިސްނުންތެރިކަމާއެކު ކަންކަން ރާވާލަން ޖެހޭނެ ކަމަށް ހޯވް ވަނީ ބުނެފަ އެވެ. އަދި އެންމެ ހިނދުކޮޅަކަށް ވެސް މެޗުގެ ފޯކަސް އަދި މަސައްކަތުގެ ފޯކަސް ގެއްލުވާ ނުލާނެ ކަމަށް ހޯވް ބުނެފައިވެ އެވެ.

މިވަގުތު ދެން ނިއުކާސަލް ފޯކަސް ކުރަނީ ކުރިއަށް ހުރި މެޗުތަކަށް ކަމަށާއި، އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ކުޅޭ މެޗާއި، އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކަށް ފޯކަސް ބެހެއްޓުން މުހިންމު ކަމަށް ހޯވް ބުންޏެވެ. އޭނާ ބުނީ އަންނަ މަހު ދެ ވަނަ ލެގާ ކުރިމަތިލާން ބޭނުން ވަނީ މިވަގުތު ޓީމުގައި އޮތް އިތުބާރާއި، ހިތްވަރު އެގޮތުގައި ބާއްވައިގެން ކަމަށެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އެވެ.

- ކޮމެންޓް