މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ފައިނަލްގެ ސީދާ ޖާގަ އެޗްޑީސީ ކުލަބުން ހޯދައިފި އެވެ.
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ފައިނަލްގެ ސީދާ ޖާގަ ލިބެނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށްފަހު އެއް ވަނަ އަށް ދާ ޓީމަށެވެ. ޤައުމީ މުބާރާތުގައި މިހާތަނަށް އެޗްޑީސީން ތިން މެޗު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ފުރަތަމަ ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބު އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ކާމިޔާބު ކުރީ އެޗްޑީސީންނެވެ. އެއީ ފުރަތަމަ ސެޓު 25-13 އަދި ދެ ވަނަ ސެޓު 25-21 އިންނެވެ. ނަމަވެސް ސިފައިންގެ ކުލަބުން ވަނީ ޖެހިގެން ދެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބުކޮށް، ސެޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ސިފައިންގެ ކުލަބުން ތިން ވަނަ ސެޓު 20-25 އިން ކާމިޔާބުކުރިއިރު، ވާދަވެރި ކުޅުމަކަށްފަހު ހަތަރު ވަނަ ސެޓު ކާމިޔާބު ކުރީ 28-30 އިންނެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ސިފައިންގެ ކުލަބުން ކާމިޔާބު ކުރީ 12-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ މުޙައްމަދު ހަމަދު އެވެ.
ސިފައިންގެ އަތުން ބަލިވި ނަމަވެސް، މުބާރާތުގެ ފައިނަލްގެ ސީފާ ޖާގަ ލިބެނީ އެޗްޑީސީ އަށެވެ. އެއީ އެ ޓީމު ކުޅެފައިވާ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބެނީ ދެ ވަނަ ޓީމާއި، ތިން ވަނަ ޓީމުގެ ދެ މެދުގައި ކުޅޭ ސެމީ ފައިނަލް އިން މޮޅުވާ ޓީމަކަށެވެ.