ސްޕެނިޝް ކޮޕާ ޑެލް ރޭ މުބާރާތުގައި ޑިޕޯޓިވާ މިނޭރާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ހޯމަ ދުވަހުގެ ރޭ ޑިޕޯޓިވާ މިނޭރާއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެކުއާޑޯ ކަމަވިންގާ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އޭނާ ޖެހީ ފްރާން ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރަތަމަ ހާފުގަައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ އާޑާ ގުލާ އެވެ. އެއީ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުލާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި ރެއާލްގެ ހަތަރު ވަނަ ލަނޑު ލޫކާ މޮޑްރިޗް ޖެހީ ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އަދި މެޗުގައި ރެއާލްގެ ފަސް ވަނަ ލަނޑު، 88 ވަނަ މިނެޓުގައި ޖެހީ ގުލާ އެވެ. އެ ލަނޑު ޖަހަން ގުލާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ގާސިއާ އެވެ.
ރެއާލުން ވަނީ މިހާތަނަށް 20 ފަހަރެއްގެ މަތިން ކޮޕާ ޑެލް ރޭ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.