ކެނެޑާގެ ބޮޑު ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަފާއިވާކަން ޖަސްޓިން ޓްރޫޑޯ އިއުލާން ކުރައްވައިފި އެވެ.
ހޯމަ ދުވަހު ޓްރޫޑޯ ވަނީ އޭނާ ނިސްބަތްވާ ލިބަރަލް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަންވެސް ހާމަކުރައްވާފައެވެ. އެއާއެކު ކެނެޑާގެ ބޮޑުވަޒީރުކަމުން ވެސް ޓްރޫޑޯ އިސްތިއުފާ ދެއްވާނެ އެވެ. ނަމަވެސް ލިބަރަލް ޕާޓީ އިން، އެ ޕާޓީގެ އައު ލީޑަރަކު ހޮވުމާ ހަމައަށް، ޓްރޫޑް ޕާޓީ ލީޑަރު ކަމުގަ އާއި ބޮޑު ވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑު ވަޒީރުކަމާ ޓްރޫޑޯ ހަވާލުވެވަޑައިގަތީ 2015 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ދެ އަހަރު ކުރިން، 2013 ވަނަ އަހަރު ޓްރޫޑޯ އަށް ވަނީ ލިބަރަލް ޕާޓީގެ ލީޑަރުކަމުގެ މަޤާމު ވެސް ލިބިވަޑައިގެންފަ އެވެ. ބޮޑު ވަޒީރުކަމުން ހޯމަ ދުވަހު ޓްރޫޑޯ އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާން ކުރެއްވިއިރު، ޓްރޫޑޯ ވަނީ ނުވަ އަހަރު ވަންދެން ކެނެޑާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.
އުމުރުން 53 އަހަރުގެ ޓްރޫޑޯ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން އިއުލާން ކުރައްވަމުން ވިދާޅުވީ އައު ލީޑަރަކު އައްޔަން ކުރުމާ ހަމައަށް، މިއަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހާ ހަމައަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ވާނެ ކަމަށެވެ. ޓްރޫޑޯ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި އެ ޤައުމަށް ރަނގަޅު ޗޮއިސެއް ބޭނުންވާ ކަމަށެވެ. އަދި އެތެރޭގެ ވާދަވެރިކަމުގައި އުފެދިފައި އޮތް ތަޅާފޮޅުމުގައި އޭނާ ދެމި ހުރެއްޖެ ނަމަ، އިންތިޚާބުގައި އޭނާ އަކީ ރަނގަޅޫ ޗޮއިސް އަކަށް ނުވާނެ ކަމަށް ވެސް ޓްރޫޑޯ ދެއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ޓްރޫޑޯ ނިންމެވިއިރު، ކެނެޑާގައި އޭނާގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ލިބަރަލް ޕާޓީގެ އިސްވެރިންނާއި، އާންމު ގިނަ މެމްބަރުން ވެސް ޓްރޫޑޯ އިސްތިއުފާ ދެއްވުމަށް އެދެމުން އަންނަ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.