އާދީއްތަ ދުވަހު ކުއްލިގޮތަކަށް ނިޔާވެފައި އޮއްވާ ފެނުނު އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރ ކޮމާންޑަރ މޭޖަރ އަހުމަދު އާތިފްގެ ހަށިގަނޑު ދާދި ދެންމެއަކު މާލެ ގެނެސްފިއެވެ.
ހދ ހަނިމާދޫން އާތިފްެގެ ހަށިގަނޑު ގެނެސް މާލެއަށް ބާލާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ކުރިމަތިން އޮންނަ ފާލަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާތިފްގެ ޖަނާޒާގެ ކަންކަން އޮތީ އާސަހަރާގައެވެ. އަދި ކަށުނަމާދު އޮތީ މިރޭ 11:30 ގައި އާސަހަރާ މިސްކިތުގައެވެ.
އާތިފު ނިޔާވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ ހަނިމާދޫގައި ހުންނަ އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރ ކޮމާންޑަރގެ މަގާމުގައެވެ.
އެމްއެންޑީއެފްއަށް 30 ވަރަކަށް އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އާތިފު ނިޔާވެފައި ވަނީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އާތިފް ނިޔާވިކަން އެނގުނީ އާދީއްތަ ދުވަހު މެންދުރު 12 ޖަހާކަށްހާއިރު ޚަބަރެއް ނުވެގެން ކޮޓަރިތެރެ ބެލިއިރުގައެވެ.
އާތިފަށް ވަނީ "ގައުމީ ޚިދުމަތް ދިނުމުގެ އެވޯޑް" ވެސް ލިބިވަޑައިގެންފައެވެ.
މީގެ އިތުރުން ދާދިފަހުން އެމްއެންޑީއެފުން ބޭއްވި "ވޮއިސްއޮފް އެމްއެންޑީއެފް" ގެ ޖަޖްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.