ރަށްރަށުގައި ބޭރު ތޮށި ނެތުމާއި ނަރުދަމާގެ ކަންކަމުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ލައިވްކަވަރޭޖްއަށް ދެއްވި ބަސްތީޤަތުމުގައެވެ.
މިނިސްޓަރ އާދަމް ޝަރީފް ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ހުކުރު ދުވަހު ކުޑަވަގުތުކޮޅެއްގެތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވިކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ހުރި ޕަމްޕްތައް ބަރާބަރަށް މަސައްކަތް ކުރިނަމަވެސް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންގަނޑު ހިނދުމުގައި ގޮންޖެހުންތަކެއް ދިމާވިކަމަށެވެ.
މާލޭގެ އިތުރަށް ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ބޭރު ތޮށި ހަލާކުވެފައި ހުރި ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވަނީ ދުރަށް ވިސްނާނުލާ ކަންކަން ކުރުމުގެ ސަބަބުންކަމަށެވެ. އަދި މިއީ ދެތިން ދުވަހުން ހައްލުވާނެ މައްސަލަތަކެއް ނޫންކަމަށާއި މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަލަށް ފަށާ މަޝްރޫޢުތަކުގައިވެސް ދުރު މުސްތަޤުބަލަށް ވިސްނުމަށްފަހު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ވާރޭވެހުމުން ރަށްރަށުގައި ނަރުދަމާގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވާކަމަށާއި މިކަން ދިމާވާ ގޮތަކީ ރަށްރަށުގައި ނަރުދަމާގެ މަސައްކަތްތައް ފަރުދީގޮތުންނާއި ސަރުކާރުގެ ތެރެއިން މިކަން ކުރެވޭއިރުވެސް ދުރު މުސްތަޤުބަލަށް ވިސްނާލުމެއްނެތި ކަންކަން ކުރެވިފައި ހުރުމުންކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި އަދި ކުރިއަށް އޮތް ގަޑިތަކުގައިވެސް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމަށް ތައްޔާރަށް ތިބިކަމަށެވެ.