މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީވުމާއި އެހެން ތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
"ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް،" އެ އޮތޯރީޓީން އެކްސް ގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ވެލިބަސްދާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްވުރެ ގިނަ ކޯލް ވަނީ ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުކުރު ދުވަހު އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެ އަށް ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.
މެޓުން ހާމަ ކުރި ގޮތުގައި މާލެއަށް ހުކުރު ދުވަހު ގަޑިއިރެއްގެ ތެރޭގައި 62 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. މޫސުމާ ބެހޭ އިދާރާއިން ފާހަގަ ކުރާ ގޮތުގައި ފަހުގެ ތާރީޚެއްގައި މާލެ އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުކުރު ދުވަހުއެވެ.
ގިނަ އަދަދަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ މީހުންގެ ގޭގެއަށާއި ހޮޓާތަކަށާއި ގުދަންތަކަށް ފެންވަނުމުގެ ރިޕޯޓުތައް ވަނީ ކޮށްފައެވެ.
ފެންވަނުން ކޮންޓްރޯލު ކުރުމަށް މާލޭ ސިޓީ ކައުންސިލް އާއި ފުލުހުން ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެމްއެންޑީއެފް އިން މާލޭގެ 6 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ވިލޭރޭގެ މެންދަމާ ހަމައަށް ފެން ހިންދުމުގެ މަސައްކަތުގައި 7639 ޓަނުގެ ފެން ވަނީ މާލެއިން މޫދަށް ބޭރުކޮށްފައެވެ.