މިވަގުތު މެންޗެސްޓަރ ޔުނައިޓެޑު އޮތީ އެ ޓީމަށް އިތުރު ކުޅުންތެރިން ގެނެވޭނެ ޙާލަތެއްގައި ނޫން ކަމަށް، އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޖަނަވަރީ ޓްރާންސްފާގައި ޔުނައިޓެޑުން ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ. އެގޮތުން މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން ޓީމު ވަރުގަދަ ކުރުމަށް ގެން ގުޅޭ ވިސްނުމާ ގުޅޭ ގޮތުން ވެސް އަމޯރިމްއާ ވަނީ ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެމުން އަމޯރިމް ބުނީ، ޔުނައިޓެޑަށް ޖަނަވަރީ ޓްރާންސްފާގައި ކުޅުންތެރިން ގެނައުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. އަމޯރިމް އަށް ވުރެ ބޮޑަށް، ނޫސްވެރިޔާ އަށް ޔުނައިޓެޑު އޮތް ޙާލަތު އިނގޭނެކަން ފާހަގަ ކުރަމުން އަމޯރިމް ބުނީ، އޭނާ ޔުނައިޓެޑަށް އައިއިރު އެ ޓީމު އޮތީ ކުޅުންތެރިން ހޯދުމަށް ޚަރަދުކޮށް، ޓީމު ބަދަލު ކުރެވޭނެ ޙާލަތެއްގައި ނޫން ކަމަށެވެ. އަދި އެ ވާހަކަ އަކީ މިވަގުތު ދައްކަން އެހާ ރަނގަޅު ވާހަކައެއް ނޫން ކަމަށް ވެސް އަމޯރިމް ބުނެފައިވެ އެވެ.
މީގެ އިތުރުން އަމޯރިމް ބުނީ މިދިޔަ ދެ ވަރަކަށް އަހަރުގެ ތެރޭގައި ޔުނައިޓެޑު ކުޅެމުން ދިޔައީ ދާދި އެއް ކަހަލަ ގޮތަކަށް ކަމަށެވެ. އެހެންކަމުން ޔުނައިޓެޑުގެ ކުޅުންތެރިންނަށް މިހާރު ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން ޤަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަމޯރިމް ބުނީ ވިއްކަން ޖެހެނީ އޭނާގެ ވިސްނުން ކަމަށާއި، އޭނާ އެކަން ބަދަލުކޮށްފި ނަމަ މިހާރު އޮތް ޙާލަތު ވެސް ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށްވަމުން ކަމަށެވެ.
ޔުނައިޓެޑުގެ ކޯޗަކަށް އަމޯރިމް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމަށްފަހު އެވެ. އެ މަގާމުން ޓެން ހާގް ވަކި ކޮށްފައި ވަނީ ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް އަމޯރިމްގެ އިރުޝާދުގެ ދަށުން ވެސް ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅުވެފައި ނުވާއިރު، އޭނާ އަށް އަންނަނީ ޕްްރެޝަރު ބޮޑުވަމުން ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެންމެ ފަހުން ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް ޔުނައިޓެޑު ވަނީ ބަލިވެފަ އެވެ. އެ ބައްޔާއެކު، އެންމެ ފަހުން ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މިއީ ފާާއިތުވި 45 އަހަރުގެ ތެރޭގައި، ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ޖެހި ޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ލީގު ތާވަލްގެ 14 ވަނައިގައި ޔުނައިޓެޑު އޮތްއިރު، ދެން އެ ޓީމަށް އޮތީ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.