ކ. މާލެ
|
31 ޑިސެންބަރ 2024 | އަންގާރަ 17:34
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމުގެ ތެރެއިން
މި ސަރުކާރުން، 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލީ ސިޔާސީ ބޭފުޅުންނަށް މުސާރަދީ: އަބްދުﷲ ވަހީދު

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލީ ސިޔާސީ ފަރާތްތަކަށް މުސާރަދީ ދަތުރު ދިއުމަށް ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ކުރިއަށް އޮތީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގެ އަހަރުކަމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވީ މި ސަރުކާރަށް އެއް އަހަރުވެގެން ދިޔައިރުވެ 55 ރުފިޔާގެ ބަޖެޓުން ރަނގަޅު ފަސް ރަށެއްގައިވެސް އެއްވެސް މަޝްރޫޢެއް ފަށާފައި ނެތްކަމަށާއި 55 ބިލިއަން ރުފިޔާގެ ބަޖެޓަށް ވީނުވީއެއް ވެސް ނޭންގޭކަމަށެވެ.

ވަހީދު ވިދާޅުވީ 55 ބިލިއަން ހުސްވެގެން ދިޔައިރު ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި ކުރި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި މި ބަޖެޓު ހުސްކޮށްލީ މި ސަރުކާރުގެ ސިޔާސީ ބޭފުޅުންނަށް މުސާރަދީ، ދަތުރު ދިއުމަށް ޓަކައި ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާރު ރައީސް މުއިއްޒު ގައުމުގައި ވެސް ނުހުންނަވާ ކަމަށާއި އެގޮތުން މަހަކު އެއްފަހަރު ކޮންމެވެސް ތަނަކަށް ދަތުރުކުރައްވަމުން ގެންދަވާކަމަށެވެ. ކަންމިހެން ހުރިއިރު، މި ވެރިކަން މިހާރު ބަދަލުވެފައި މިވަނީ ޣައިރުހާޒިރުގައި ހިނގާވެރިކަމެއްގެ ގޮތުގައި ކަމަށް އޭނާ ވިދަޅުވިއެވެ. އަދި މި ވެރިކަމުގެ ސައްޚަކަން މިހާރު ގެއްލޭހިސާބަށް ގޮސްފައިވާ ކަމަށް ގައުމުގެ ރައްޔިތުން ބުނަމުން އަންނަ ކަމަށް ވެސް ވަހީދު ވިދަޅުވިއެވެ.

މި އަހަރު އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ 55 ބިލިއަން ރުފިޔާގެ ބަޖެޓު އިނގޭތޯ.، މި 55 ބިލިއަން ރުފިޔާގެ ބަޖެޓުން ރަނގަޅު ފަސް ރަށެއްގަވެސް ސަރުކާރުގެ މަޝްރޫއެއް ހިނގާފަ ނެތޭ. ބަޖެޓަށް ވީނުވީއެއް ނޭންގެ އިނގޭތޯ.. 55 ބިލިއަން ހުސްވެގެން މި ދިޔައީ ރައްޔިތަކަށެއް އެއަކުން ވީކަމެއް ނެތް. ރައްޔިތުނަނަކަށް ނުފެނޭ އެ ބަޖެޓެއް ހުސްވެގެން ދިޔައިރަކު ވީ ކަމެއް. ސިޔަސީ ބޭފުޅުންނަސް މުސާރަ ދިނުމަށް ޓަކައި 55 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލީ، އެބޭފުޅުންގެ ދަތުރު ދިއުމަށްޓަކާ.
އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީން ދައްކަވައިގެން ކަމަށާއި ނަމަވެސް ވެރިކަން ލިބުނު ހިސާބުން ރައީސް ޔާމީންވެސް ދުރުކޮށްލާ އަދި ވެރިކަމަށް އަންނަން ވެގެން ދެއްކިހާ ވާހަކައެއް ދޮގަށް ބަދަލުވެއްޖެ ކަމަށެވެ.

ވަހީދު ވިދާޅުވީ ރައްޔިތުންނަށް ގޯއްޗާއި، ފްލެޓު ދެއްވާނެކަމަށް ވައުދުވެ ވަޑައިގެންނެވި ކަމަށާއި ނަމަވެސް އެވައުދުވެސް ނުފުއްދެވިކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ވަކި އަދަދަކަށް ތިބި ކަމަށް ވާހަކަދެއްކެވި ކަމަށާއި ނަމަވެސް އެ އަދަދުވެސް އަދި އަދަށްވެސް ހާމަކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ކަންމިހެން ހުރި އިރު، ވެރިކަމަސް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދުމުން ވެރިކަމުގެ ސައްޚަކަން މިހާރު ނެތްކަމަށް ގަބޫލުކުރައްވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރައީސް އުޅުއްވަނީ މުޅިން އިތުރުފުޅު ހައްދަވައިގެން ކަމަށާއި އެހެން ކަމުން މި ވެރިކަމުގެ ގާނޫނީ ކުލަ، ހަގީގީ ސިފަ ގެއްލޭގޮތަށް ރައީސްގެ އަމަލުފުޅު ބަހައްޓަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހުރިހާ ކަމެއް ވެސް މިގޮތަށް ހުރިއިރު، ރައީސް މުިއްޒުގެ ވެރިކަން މިދަނީ ގާނޫނީ ހަމަތަކުގެ މަތިންކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

- ކޮމެންޓް