އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.
އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އިޕްސްވިޗް ޓައުން އިން ލީޑު ނެގީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދައިދިނީ ލިއަން ޑެލަޕް އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީގެ ޔާއޯ ފެލިކްސް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އިޕްސްވިޗް ޓައުންގެ ދެ ވަނަ ލަނޑު ޖެހީ އޮމާރީ ހުޗިންސަަން އެވެ.
މި ނަތީޖާ އާއެކު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުން އެ ޓީމަށް ލިބެނީ 35 ޕޮއިންޓެވެ. މި ބައްޔަކީ މި ސީޒަންގެ ލީގުގައި ޗެލްސީގެ ހަތަރު ވަނަ ބައްޔެވެ.