ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 13:37
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުން މަޖިލިސް އިދާރާއިން ނެރެފަ
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުން މަޖިލިސް އިދާރާއިން ނެރެފަ
އަޒުމޫން އަހުމަދު
މެންބަރުންނަށް ދައުވާކުރުން
އިދިކޮޅު 12 މެންބަރެއްގެ މައްޗަށް ދައުވާ އުފުލައިފި
ޖުލައި 24 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅިގެން
ގާނޫނު ތަންފީޒްކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ
ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހު

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:

  • ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
  • ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
  • ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
  • ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
  • މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
  • ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

މި މެންބަރުންގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައިވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.

މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ.

މެންބަރުން ބުނަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނުމަށް އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.

ސިފައިން ވަނީ މަޖިލިސް އިދާރާގައި ތަޅު އަޅުވައި، މުވައްޒަފުންނަށް ވެސް އިދާރާއަށް ނުވަދެވޭ ގޮތަށް "ހިސާރު" ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް