ކ. މާލެ
|
27 ޑިސެންބަރ 2024 | ހުކުރު 21:37
މަންމޯހަން ސިންގް އޭނާގެ ދަރިކަނބަލުން (ކ) އަދި އަނބިކަނބަލުންނާ އެކު
މަންމޯހަން ސިންގް އޭނާގެ ދަރިކަނބަލުން (ކ) އަދި އަނބިކަނބަލުންނާ އެކު
ގެޓީ އިމޭޖަސް
މަންމޯހަން ސިންގް
މަންމޯހަން ސިންގް، އިންޑިއާ ގެ އިގްތިސާދު ހަމަ މަގަށް އެޅުއްވި ކުރީގެ ބޮޑުވަޒީރު، 92 އަހަރުގައި އަވަހާރަވެއްޖެ
ތާރީޚުގައި ސިންގް ލިޔެވިގެންދާނީ އިންޑިއާ އިޤްތިޞާދީ ފުން ވަޅުގަނޑަކުން ސަލާމަތް ކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. އޭގެ އިތުރުން ނިއުކްލިއަރ ހަކަތައިގެ ދާއިރާ އިން އިންޑިއާ ދުނިޔޭގައި އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވި ވެރި އެއްގެ ގޮތުގައެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އުމުރުފުޅުން 92 އަހަރުގައި އަވަހާރަވެއްޖެއެވެ.

ސިންގްއަކީ އިންޑިއާގެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޮޑުވަޒީރުންގެ ތެރެއިން ބޭފުޅެކެވެ. އަދި އޭނާއަކީ 2004 އިން 2014 އަށް ބޮޑުވަޒީރުކަމުގައި ހުންނެވި އިރު އަދި އޭގެ ކުރިން މާލީ ވަޒީރުކަމުގައި ހުންނެވި އިރު އިންޑިއާގެ އިގްތިސާދު ހަމަ މަގަށް އެޅުއްވުމަށް މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުއްވި ކުޅަދާނަ މޭސްތިރިއެކެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، އޭނާ އަވަހާރަވީ ޞިއްޙީ ޙާލަތު ގޯސްވުމާ ގުޅިގެން ވެރިރަށް ދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށްނެވެ.

ބުރާސްފަތި ދުވަހު ސިންގް އަށް ތައުޒިޔާ ވިދާޅުވި ފަރާތްތަކުގެ ތެރޭގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހިމެނިވަޑައިގެންވި އެވެ. އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވަނީ "އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރެއިން އެއްބޭފުޅަކު ގެއްލިގެން ދިޔުމުން އިންޑިއާ ދަނީ ހިތާމަކުރަމުންނެވެ."

މޯދީ ވިދާޅުވީ އެ ދެ ބޭފުޅުން ބައްދަލުވި ކޮންމެ ވަގުތެއްގައި ސިންގް ގެ "ޙިކުމަތްތެރިކަމާއި ހިތްތިރިކަން އަބަދުވެސް ފެންނަން ހުންނަ" ކަމަށާއި، ބޮޑުވަޒީރުކަމުގައި ހުންނެވި މުއްދަތުގައި "އާންމުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެއްވި" ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީގެ ދަރިކަނބަލުން އަދި ކޮންގްރެސް ޕާޓީގެ މެންބަރު ޕްރިޔަންކާ ގާނދީ ވިދާޅުވީ ސިންގް އަކީ "ޙަޤީޤަތުގައިވެސް ހަމަހަމަ ކަމަށް ލޯބިކުރެއްވި، ޙިކުމަތްތެރި، އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރުގަދަކަން ދެއްކެވި" ބޭފުޅެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ވިދާޅުވީ އޭނާ އަށް "ގެއްލިގެން ދިޔައީ އިރުޝާދު ދެއްވި އަދި މަގުދައްކަވައިދެއްވި ބޭފުޅެއް؛" ކަމަށެވެ.

ސިންގް އަކީ ޖަވާހަރުލާލް ނެހްރޫގެ ފަހުން ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު އަލުން އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ އިންޑިއާގެ ލީޑަރެވެ. އަދި އެ ޤައުމުގެ އެންމެ މަތީ މަޤާމު ފުރުއްވި ސިކު ނަސްލަށް ނިސްބަތްވެވެވަޑައިގެންނެވި ފުރަތަމަ ބޮޑު ވަޒީރެވެ.

ސިންގް ގެ ދެވަނަ ދައުރުގައި އޭނާގެ ސަރުކާރުގެ ތެރޭގައި ހިނގި ކަމަށް ތުހުމަތު ކުރެވުނު ކަރަޕްޝަންގެ ބޮޑެތި މައްސަލަ ތަކުގެ ހިޔަނި އެޅުނެވެ. ގިނަ މީހުން ދެކޭގޮތުގައި 2014 ގެ އާންމު އިންތިޚާބުގައި އޭނާގެ ކޮންގްރެސް ޕާޓީ ބޮޑު ތަފާތަކުން ބަލިވުމުގެ އެއް ސަބަބަކީ ވެސް ސިންގް ގެ ސަރުކާރަށް އަމާޒުވި ކަރަޕްޝަންގެ ތުހުމަތު ތަކެކެވެ.

ސިންގް އުފަންވެވަޑައިގަތީ 26 ސެޕްޓެމްބަރު 1932 ގައި، އިންޑިއާ ބައި ނުކުރާ އިރު އޮތް ޕަންޖާބު ޕްރޮވިންސްގެ ވަރަށް އަދައިގެ ވިލެޖަކަށެވެ. އެތަނުގައި އޭރު ކަރަންޓެއް ފެނެއް ނެތް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޕަންޖާބު ޔުނިވަރސިޓީގައި ކިޔަވާ ވިދާޅުވުމަށްފަހު އޭނާ ކެމްބްރިޖް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު އޮކްސްފޯޑް ޔުނިވަރސިޓީން އިތުރަށް ކިޔަވާވިދާޅުވިއެވެ.

ކޭމްބްރިޖްގައި ކިޔަވާވިދާޅުވަމުން ދިޔައިރު، ފައިސާގެ ދަތިކަން ސިންގް އަށް ވަރަށް ބޮޑަށް ކުރިމަތިވި ކަމަށް އޭނާގެ ދަރިކަނބަލުން ދަމަން ސިންގް، އޭނާގެ މައިންބަފައިންނާ ބެހޭގޮތުން ލިޔުނު ފޮތެއްގައި ފާހަގަ ކޮށްފައިވެއެވެ.

"ޓިއުޝަން އަދި ދިރިއުޅުމުގެ ޚަރަދުތަކައް އަހަރަކު 600 ޕައުންޑަށް އަރައެވެ. ޕަންޖާބު ޔުނިވަރސިޓީގެ ސްކޮލަރޝިޕްގެ ދަށުން އަހަރަކަށް ލިބެނީ 160 ޕައުންޑް އެވެ. ބާކީ ބައި ހަމަޖައްސަން ބަރޯސާވާން ޖެހުނީ މަންމޯހަން ގެ ބައްޕައަށެވެ. ކިޔަވާވިދާޅުވި އިރު މަންމޯހަން އަށް އުޅުއްވަން ޖެހުނީ ވަރަށް ބަލައިގެން ޚަރަދުތައް ކުޑަކޮށްގެންނެވެ."

ދަމަން ސިންގް ގެ ފޮތުގައިވާ ގޮތުގައި އޭނާގެ ބައްޕައަކީ "ގޭތެރޭގެ ކަންކަމުގައި އެއްގޮތަކަށްވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ބައްޕަ އަކަށް ބިސްގަނޑެއް އަޅުއްވަންވެސް އަދި ޓިވީ އޮން ކޮށް އޮފް ކޮށްލަންވެސް އެނގިވަޑައެއް ނުގަންނަވައެވެ."

ތަފާތު ވިސްނުންތައް އެއްގޮތް ކުރައްވަން ޖެހިވަޑައިގެންނެވި

ސިންގް ސިޔާސީ ގޮތުން ފާހަގަ ވެގެން ދިޔައީ 1991 ގައި އިންޑިއާގެ މާލީ ވަޒީރު ކަމަށް އައްޔަން ކުރެވުނު ހިސާބުންނެވެ. އޭރު އިންޑިއާ އޮތީ ބަނގުރޫޓު ވުމުގެ ތުންފަތްމަތީގައެވެ.

ފައިނޭންސް މިނިސްޓަރަކަށް ސިންގް އައްޔަން ކުރުމަކީ ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބިގެން ދިޔަ ކަމެކެވެ. އެކަން އެހެން އޮތް ނަމަވެސް އޭނާ އެ މަޤާމަށް އައްޔަން ކުރުމަކީ އިލްމީ ގޮތުންނާއި ސިވިލް ސަރވަންޓެއްގެ ގޮތުގައި ދިގު އަދި ފާހަގަކޮށްލެވޭ ކެރިއަރެއްގެ ހައްގު ކާމިޔާބީ އެއް ކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ސިންގް އަކީ ސަރުކާރުގެ އިޤްތިޞާދީ ލަފާދޭ މާހިރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އިންޑިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަން ކުރެއްވި ބޭފުޅެކެވެ.

މާލީ ވަޒީރެއްގެ ގޮތުގައި އޭނާ ދެއްވި ފުރަތަމަ ތަގުރީރުގައި ވިކްޓަރ ހިއުގޯ ގެ މަޝްހޫރު ބަސްކޮޅަކަށް ހަވާލާދެއްވައި ވިދާޅުވީ "ފިކުރަކަށް ވަގުތު އައިސް ޖެހުމުން ދުނިޔޭގެ އެއްވެސް ބާރަކަށް އެ ފިކުރު ހުއްޓުވޭނެ ގޮތެއް ނޯންނާނެ؛" އެވެ.

އެހާ ހިސާބުން އިންޑިއާ ގެ ތާރީޚް ނުދެކޭ ފަދަ ބޮޑު އިގްތިސާދީ އިސްލާހީ އެޖެންޑާ އެއް އޭނާ ތަންފީޒް ކުރައްވަން ފެއްޓެވިއެވެ. ޓެކްސްތައް ކުޑަކުރެއްވިއެވެ. އިންޑިއާގެ ރުޕީސް އަގު ދަށްކުރެއްވިއެވެ. ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރެއްވިއެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގު ފަހި ކުރެއްވިއެވެ.

އެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު އާރާސްތުވެ، ޞިނާޢަތްތައް ކުރިއަރާ، ތަކެތީގެ އަގު ހިފެހެއްޓުނެވެ. އަދި 1990 ގެ އަހަރުތަކުގައި އިގްތިސާދު ކުރިއަރަމުން ދިޔަ ރޭޓް މަތީ މިންގަނޑެއްގައި ހިފެހެއްޓުނެވެ.

ބޮޑު ވަޒީރުކަން އެކްސިޑެންޓަކުން

މަންމޯހަން ސިންގްއަކީ އޭނާގެ ސިޔާސީ ބާރު ކުޑަކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވި ބޭފުޅެކެވެ. "ސްޓޭޓްސްމަނަކަށް ވުމަކީ ރަނގަޅު ކަމެކެވެ، އެހެން ނަމަވެސް ޑިމޮކްރަސީއެއްގައި ސްޓޭޓްސްމަނަކަށް ވުމަށްޓަކައި ފުރަތަމަ ކަމަކަށް އިންތިޚާބުން ކާމިޔާބުވާން ޖެހެއެވެ،" އޭނާ އެއްފަހަރު ވިދާޅުވިއެވެ.

1999 ގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ އިންތިޚާބަށް ކުރިމަތިލައްވައި މަސައްކަތްކުރެއްވި ނަމަވެސް، އޭނާއަށް އެ އިންތިޚާބުން ނާކާމިޔާބުވިއެވެ. އޭގެ ބަދަލުގައި އޭނާ އިންނަވަން ޖެހުނީ މަޖިލީހުގެ މަތިގޭގައެވެ. އެއީ އޭނާގެ ކޮންގްރެސް ޕާޓީން އައްޔަން ކުރާ ގޮނޑިއެއްގައި އިންނެވި ބޭފުޅެއްގެ ގޮތުގައެވެ.

2004 ގައިވެސް ކަން ހިނގީ އެގޮތަށެވެ. ސިންގް އެ އަހަރު ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރެވުނެވެ. ސިންގް އަށް އެ މަގާމު ލިބިވަޑައިގަތީ، ބޮޑު ވަޒީރުކަން ސޯނިއާ ގާނދީ ދޫކޮށްލެވުމުންނެވެ. ބުނެވޭ ގޮތުގައި ސޯނިއާ އެ މަގާމު ބޭނުންފުޅު ނުވީ އޭނާގެ އިޓަލީ ނަސްލާ ގުޅިގެން ކުރިމަތިވެ ވަޑައިގަންނަވާ ފާޑު ކިޔުންތަކުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. އެކަން އެހެން ސޯނިޔާ ކުރެއްވުމުން ވެސް ފާޑުކިޔާ މީހުން ބުނަމުން ދިޔައީ ހަގީގީ ބާރު އޮތީ ސޯނިޔާގެ އަތްޕުޅުގައި ކަމަށާއި، ސިންގް އަކީ ހަގީގީ ވެރިއެއް ނޫން ކަމަށެވެ.

ސިންގް ގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ އެންމެ ބޮޑު ކާމިޔާބީއަކީ އިންޑިއާ ނިއުކްލިއަރ ހަކަތައިން އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، އެމެރިކާގެ ނިއުކްލިއަރ ޓެކްނޮލޮޖީ އަށް އިންޑިއާ އިން ވާޞިލުވުމުގެ މަގު ހުޅުވާލި އެއްބަސްވުމެއްގައި ސޮއިކުރެއްވުމެވެ.

މިއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި އެއް ނަޒަރަކުން ދެކޭ އިރު، އަނެއް ކޮޅުން މި އެއްބަސްވުމުގެ ސިޔާސީ ބޮޑު އަގެއް ކޮންގްރެސް ޕާޓީ އަށް ދައްކަން ޖެހުނެވެ. އެމެރިކާ އާ އެކު ހެދި އެއްބަސްވުމާ ސަރުކާރާ އެކުގައި ކޯލިޝަން ހަދައިގެން ތިބި ކޮމިއުނިސްޓް އެލައިންސްތަކުން ދެކޮޅުހަދައި ކޮންގްރެސް ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގައި ދެމުން ދިޔަ ތާއީދު އެ ޕާޓީ ތަކުން އަނބުރާ ގެންދިޔައެވެ. އެއާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ހިފެހެއްޓުމަށް ކޮންގްރެސް ޕާޓީ އަށް ޖެހުނީ އެހެން ޕާޓީ އެއްގެ އެހީތެރިކަން ހޯދާށެވެ.

ވިސްނުމާ ފިކުރުގެ ގޮތުން އަދި ސިޔާސަތުތަކާއި ގަބޫލު ކުރުންތައް ތަފާތު ސަރަހައްދީ ޕާޓީތައް އެއްގަލަކަށް އަރުވައިގެން ކޯލިޝަން ހިފެހެއްޓެވުމަށް ސިންގް ވެރިކަމުގައި ކުރައްވަން ޖެހުނީ ދަތި އުނދަގޫ މަސައްކަތްޕުޅެއް ކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އޭނާގެ ތެދުވެރިކަމަށާއި ތޫނުފިލިކަމަށް އިޙްތިރާމް ލިބިވަޑައިގަތް ނަމަވެސް، ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އޭނާގެ މަޑުމައިތިރި ކަމާއި ކަންކަން ނިންމެވުމުގައި ދިގު ދެންމެވުމުގެ ސަބަބުން ކަންކަން ނުނިންމިފައި ހުންނަ ކަމުގައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ބައެއް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ އިޞްލާޙުގެ ދުވެލި މަޑުވެގެން ދިޔަ ކަމަށާއި މާލީ ވަޒީރުކަމުގައި ހުންނެވިއިރު ހޯއްދެވި ކުރިއެރުން ބޮޑުވަޒީރު ކަމުގައި އޭނާ އަށް ހޯއްދެވިފައި ނުވާ ކަމަށެވެ.

ސިންގް 2009 ގައި ކޮންގްރެސް ޕާޓީ އަށް ދެވަނަ ފަހަރަށް އިންތިޚާބުގައި ކާމިޔާބު ހޯދުމަށް މަގުދެއްކެވުމަށް ފަހު ވިދާޅުވީ އެ ޕާޓީން "މި ފުރުޞަތުގެ ބޭނުން ހިފާނެ" ކަމަށެވެ.

ނަމަވެސް ގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ ވެރިކަމަށް ހިޔަނިއެޅެން ފެށިއެވެ. ނޫސްތަކުގެ ސުރުޚީތަކުން ފެންނަމުން ދިޔައީ ސަރުކާރުގެ ބޮޑެތި މައްސަލަތަކާއި ތުހުމަތު ތަކުގެ ވާހަކައެވެ. އޭނާގެ ކެބިނެޓް މިނިސްޓަރުންނާ ގުޅުންހުރި އެތައް ޚިޔާނާތާއި ވައްކަމުގެ ތުހުމަތުތައް ފެންމަތިވަމުން ދިޔައެވެ. އަނެއްކޮޅުން އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވައި، އިގްތިސާދީ އިސްލާހީ އެޖެންޑާ ތަންފީޒް ކުރުން ފަސްވެ، އެންމެ ފަހުން އިގްތިސާދު ދަށަށް ދާން ފެށިއެވެ.

ވާދަވެރި ބީޖޭޕީ ޕާޓީގެ އިސް ލީޑަރެއް ކަމުގައިވާ އެލް.ކޭ އަދްވާނީ، ސިންގް އަކީ އިންޑިއާގެ "އެންމެ ބަލިކަށި ބޮޑުވަޒީރު" ގެ ގޮތުގައި ސިފަކުރެއްވިއެވެ.

މަންމޯހަން ސިންގް އޭނާގެ ރެކޯޑު ދިފާޢުކުރައްވަމުން ވިދާޅުވީ އޭނާގެ ސަރުކާރުން "އެންމެ މަތީ ދަރަޖައިގައި ވަފާތެރިކަމާއެކު ޤައުމަށާއި ރައްޔިތުންގެ ލާބައަށްޓަކައި މަސައްކަތްކޮށްފައިވާ" ކަމަށެވެ.

ވިސްނުންތެރި ކަމާއެކު ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވި

ސިންގް ގެ ވެރިކަމުގައި މައިގަނޑު ގޮތެއްގައި ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވީ އޭނާގެ ކުރިން ބޮޑު ވަޒީރު ކަން ކުރެއްވި ދެ ބޭފުޅުން ވެސް ގެންގުޅުއްވި ސިޔާސަތު ތަކާ ދާދި އެއްގޮތަކަށެވެ.

ސިންގް ޕާކިސްތާނާއެކު ސުލްޙައިގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ނަމަވެސް މި މަސައްކަތުގައި ވެސް ސިންގް އަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވެ ވަޑައިގަތެވެ.

ޗައިނާއާއެކު އޮތް ބޯޑަރު ޚިލާފުތައް ނިންމުމަކަށް ގެންނެވުމަށް މަސައްކަތްކުރެއްވިއެވެ.  

ސިންގް ގެ ބޮޑުވަޒީރު ކަމުގައި އަފްޣާނިސްތާނާ ގުޅުން ބަދަހި ކުރައްވާ، އަފްޣާނިސްތާނަށް ދޭ މާލީ އެހީ އިތުރުކުރެއްވިއެވެ. އަދި 30 އަހަރުގެ މުއްދަތެއްގެ ތެރޭގައިއެ ޤައުމަށް ޒިޔާރަތްކުރެއްވި ފުރަތަމަ އިންޑިއާ ލީޑަރަށް ވެވަޑައިގަތެވެ.

އަނެއްކޮޅުން އިންޑިއާ އާއެކު ގާތްގުޅުމެއް ބާއްވަމުން އައި އީރާނާ އެކު އޮތް ގުޅުން ކަނޑާލެއްވިއެވެ. އެއާއެކު ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމާ ނުރުހުން ސިންގް އަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

މާބޮޑު ސަމާލު ކަމެއް ބޭނުންފުޅެއް ނުވޭ

ކިޔަވާ ވިދާޅުވެގެން ހުންނެވި އަދި ގައުމީ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ސިންގް އަކީ މަޑުމައިތިރި ކަމަށް ލޯބިކުރެއްވި އަދި މީހުންގެ ސަމާލުކަން ހޯއްދަވަން މާ ބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެއް ނޫނެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ގައި މާގިނަ ފޮލޯވަރުން ނެތްކަން ފާހަގަ ކުރެވޭ އިރު ކުރައްވާފައި ހުންނަނީ ވެސް މީހުން މާ ގަޔާވާ ޒާތުގެ ޕޯސްޓްތައް ނޫންކަން ވެސް ފާހަގަ ކުރެވެއެވެ.

އޭނާ އަކީ ބަސް މަދު އަދި ކަންކަމުގައި ހަމަޖެހިވަޑައިގެން ހުންނަވާ ބޭފުޅެއްގެ ގޮތުން އޭނާ އަށް ގިނަ ބައެއްގެ ތާއީދު އޭނާ އަށް ލިބިވަޑައިގަތެވެ.

ބޮޑުވަޒީރުކަމުގައި ހުންނެވުމަށްފަހު، ސިންގް އުމުރުފުޅުން ދުވަސްވަމުން ދިޔަ ނަމަވެސް މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއްގެ ގޮތުގައި މިއަދުގެ މައްސަލަތަކާ ބެހޭގޮތުން ފުންކޮށް ޝާމިލުވެވަޑައިގެން އޭނާ ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.

ތާރީޚުގައި ސިންގް ލިޔެވިގެންދާނީ އިންޑިއާ އިޤްތިޞާދީ ފުން ވަޅުގަނޑަކުން ސަލާމަތް ކުރެއްވި ލީޑަރެއްގެ ގޮތުގައެވެ. އޭގެ އިތުރުން ނިއުކްލިއަރ ހަކަތައިގެ ދާއިރާ އިން އިންޑިއާ ދުނިޔޭގައި އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވި ވެރި އެއްގެ ގޮތުގައެވެ.

ސިންގްގެ އަނބިކަނބަލަކާއި ތިން ދަރިކަނބަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.                                                                                               

- ކޮމެންޓް