އެންމެ ފަހު ވަގުތާ ޖެހެންދެން، އޭނާގެ ވިސްނުމައިގެން ކުރިއަށް ދިޔުމަށް މަސައްކަތް ކުރާނެ ކަމަށް، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ،.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗަށްފަހު އެވެ. ވުލްވްސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑު ބަލިވެފައިވާއިރު، މިވަގުތު އެ ޓީމުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، އަމޯރިމް އަށް ވެސް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަމޯރިމް ބުނީ، އަބަދު ވެސް ކުރިމަތިވަމުން އަންނަނީ އެއް ސަބަބުތަކެއް ކަމަށާއި، ކުރިއަށް ދިޔުމުގައި ދަތިތަކާ ކުރިމަތިވަނީ އެ ސަބަބުތަކާ ހުރެ ކަމަށެވެ. މޮޅުވިޔަސް، ބަލިވިޔަސް، ޔުނައިޓެޑުގައި ތިބީ އެއް ކުޅުންތެރިންތަކެއް ކަމަށާއި، އެ ކުޅުންތެރިން ހިތްވަރު ވެސް ކުރާ ކަމަށް އަމޯރިމް ބުންޏެވެ. އަދި އަމޯރިމް ހުރީ، އޭނާގެ ވިސްނުމުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރަން ތައްޔާރަށް ކަމާށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަމޯރިމް ބުނީ މެޗަކުން ބަލިވުމަކީ އަބަދު ވެސް ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އޭނާ ބުނީ މެޗުން ބަލިވުމަކީ ވަރަށް އުނދަގޫ ކުރުވާ ކަމެއް ކަމަށާއި، މި ވުލްވްސް މެޗުގައި ވެސް ފެނުނީ، ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކަހަލަ ކަންތައްތަކެއް ކަމަށެވެ. މެޗުގައި ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް އަށް ރަތް ކާޑު ދައްކައި ފޮނުވާލުމުން، ބާކީ ދިހަ ކުޅުންތެރިންނާ އެކު ވެސް އެ ޓީމުން ވަރަށް މަސައްކަތް ކުރި ކަމަށް އަމޯރިމް ބުނެފައިވެ އެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެން މެޗުގެ ނަތީޖާ އަނބުރާލުމަށް ވަރަށް މަސައްކަތް ކުރި ނަމަވެސް، ޔުނައިޓެޑަށް އެކަން ޙާސިލު ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް ލީގުގައި ކުޅުނު 18 މެޗުން 22 ޕޮއިިންޓާ އެކު ޔުނައިޓެޑު އޮތީ ތާވަލްގެ 14 ވަނައިގަ އެވެ. މި ސީޒަންގެ ލީގުގައި އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަ މެޗުންނެވެ. އަށް މެޗުން ބަލިވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.