ރިސޯޓުތަކުން ފާއިތުވި ދެ މަހުގައި، ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގި ގޮތުގެ ހުރިހާ ތަފްސީލެއް ފޮނުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އެންގި ނަމަވެސް އެ މައުލޫމާތު ނުފޮނުވާނެ ކަމަށް ގިނަ ރިސޯޓްތަކުން ބުނެފިއެވެ.
އެމްއެމްއޭ އިން ބުދަ ދުވަހު ރިސޯޓު ތަކަށް ފޮނުވި އީމެއިލެއް ގައި ބުނެފައިވަނީ ފާއިތުވި ދެ މަހު ހިންގާފައިވާ ބޭރު ފައިސާގެ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލް ޑިސެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޮނުވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް، މި މަޢުލޫމާތު ނުފޮނުވާނެ ކަމަށް ގިނަ ރިސޯޓުތަކުން ބުނެފައިވާއިރު، މިގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ރިސޯޓުތަކުން ފާހަގަކޮށްފައިވަނީ، ރިސޯޓުތައް އޮޕަރޭޓްކުރަނީ އެގްރީމަންޓްތަކެއްގެ ދަށުން ކަމަށްވާއިރު، އެގްރީމަންޓާ ޚިލާފަށް އަންގާ އެންގުމަކަށް ވާތީ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބެއެވެ.
ގިނަ ރިސޯޓުތަކުން އެ މަޢުލޫމާތު ނުފޮނުވަން ނިންމާފައިވާއިރު، އެމްއެމްއޭ އިން ބޭރު ފައިސާގެ ހުރިހާ މުއާމަލާތްތަކުގެ ތަފްސީލެއް ފޮނުވަން ޖެހޭނެ ކަމަށް ބުނެ ރިސޯޓްތަކަށް މެއިލް ކުރީ ބުދަ ދުވަހު އެވެ. އަދި ބުރާސްފަތި ދުވަހު އެ މައުލޫމާތުތައް ފޮނުވުމަށް އެންގިއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެހާ ކުރު މުއްދަތެއްގައި އެގްރީމަންޓާ ޚިލާފަށް މަޢުލޫމާތު ހޯދަން އަންގާފައިވާތީ އެއީ ވެސް ރިސޯޓްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެމްއެމްއޭ އިން ރިސޯޓުތަކަށް ވަރަށް ކުރު ނޯޓިސް އެއް ދިނުމަށް ފޮނުވި އީމޭއިލްގެ ކޮޕީ އެއް މި ނޫހަށް ލިބިފައިވާ އިރު އޭގައި ބުނެފައިވަނީ މައުލޫމާތު ފޮނުވަން ވާނީ އީމެއިލުން ކަމަށާއި އަދި އެ އޮތޯރިޓީން ފޮނުވާފައިވާ އެކްސެލް ޝީޓްގައި ވާ ފޯމެޓް އާ އެއް ގޮތްވާ ގޮތުގެ މަތިން ކަމުގައެވެ.
އެމްއެމްއޭ އިން ކުއްލި ކުއްލި އަށް ރިސޯޓުތަކަށް ވަރަށް ކުރު މުއްދަތެއް ދިނުމަށްފަހު ކަންކަން ކުރުމަށް އަންގަމުންދާއިރު ވަރަށް ގިނަ ރިސޯޓު އޮޕަރޭޓަރުން ތިބީ މިކަންކަން ކުރަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ނުޖެހިފައި ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ ބޮޑެތި ރިސްކު ނައިގައިގެން އަމިއްލަ ފަރާތްތަކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓް ތަކަށް ވެފައި ރިސޯޓްތައް އޮޕަރޭޓް ކުރަމުން ދަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ރިސޯޓު ހިންގާ ފަރާތާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެފައި، އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެސް އޭގެ ބޭރުން އެމްއެމްއޭ އިން ރިސޯޓުތަކަށް އެކި ގޮތްގޮތުން ކަންކަން ކުރުމަށް ލާޒިމުކޮށް ރިސޯޓުތައް ހިންގުމަށް ބޮޑެތު ދަތިތަކެއް ކުރިމަތި ކުރަމުންދާ ކަމަށް މި ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
ކުއްލި ކުއްލި އަށް ގާނޫނާއި ގަވައިދުތަކަށް ގެންނަ ބަދަލު ތަކުގެ ސަބަބުން ރާއްޖެ ވެގެން މިދަނީ އިންވެސްޓަރުންނަށް ދަތި އުނދަގޫ ތަނަކަށް ކަމަށް ވެސް ވިޔަފާރީގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.