ބ. ކަމަދޫ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރަސްމީ ނަތީޖާއަށް ބަލާ އިރު މި އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދު އެވެ. އޭނާއަށް ވަނީ 170 ވޯޓު ލިބިފަ އެވެ. މިއިންތިހާބުގައި ދެން ވާދަކޮށްފައިވާ ކެންޑިޑޭޓް އަލީ ނާއިޒް ލިބިފައިވަނީ 142 ވޯޓެވެ. ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ އެއްވެސް ފަރަގެއް ނެތެވެ.
ކަމަދޫ ކައުންސިލް މެންބަރަކު ހޮވުމަށް ބާއްވާފައިވާ ބައި އިލެކްޝަންގައި މާލެ އާއި ކަމަދޫގައި ދެ ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. އެގޮތުން މާލޭގައި ހުރި ފޮށިން ސާޖިދަށް ލިބިފައިވަނީ 51 ވޯޓެވެ. އަދި ނާއިޒަށް ލިބިފައިވަނީ 58 ވޯޓެވެ. މީގެ އިތުރުން އެރަށުގައި ބެެހެއްޓިފައިވާ ވޯޓު ފޮށިން ސާޖިދަށް ލިބިފައިވަނީ 119 ވޯޓު ވަނީ ލިބިފަ އެވެ. އަދި ނާއިޒަށް ލިބުނީ 84 ވޯޓެވެ.
ކަމަދޫގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 338 ފަރާތުން ތިބި އިރު މި އިންތިހާބުގައި ވޯޓުލާފައިވަނީ 315 މީހުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކަމަދޫ ބައި އިލެކްޝަންސްގައި ވޯޓުލާ ސަރަހައްދުތަކުގައި 12 އޮފިޝަލުން ހަރަކާތްތެރިވި އިރު އިންތިހާބުގައި 8 އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު އޮބްޒާވުކުރުމަށް ފުރުސަތުދީފަ އެވެ.
ކަމަދޫ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު މިިއަހަރުގެ މެއި 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެ ޕާޓީންނެވެ. އަދި ތިން ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ހޯދާފައިވަނީ އެ ޕާޓީންނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވެ އެވެ.