ކ. މާލެ
|
23 ޑިސެންބަރ 2024 | ހޯމަ 11:44
މެޗުގައި އެޓަލަންޓާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި އެޓަލަންޓާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީ ބަލިކޮށް، އެޓަލަންޓާ އެއް ވަނައިގައި
މޮޅާއެކު އެޓަލަންޓާ އެއް ވަަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ.

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެޓަލަންޓާ އިން ލީގު ތާވަލްގެ އެއް ވަނަ މަގާމު ދިފާއު ކޮށްފި އެވެ.

އެޓަލަންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމްޕޮލީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އެޓަލަންޓާ އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް، ލީޑު ވެސް ހޯދި އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި އެމްޕޮލީން ނަތީޖާ ހަމަހަމަ ކުރިއިރު، ފަހު ވަގުތު ލަނޑު ޖަހައިގެން އެޓަލަންޓާ ވަނީ މޮޅުވެފަ އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އެމްޕޮލީ އަށް ލީޑު ނަގައިިދިނީ ލޮރެންޒޯ ކޮލަމްބޯ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެޓަލަންޓާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޗާލްސް ޑި ކަޓަލެއާ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަޑެމޮލާ ލުކްމަން ޖެހި ލަނޑުން އެޓަލަންޓާ އިން ލީޑު ހޯދި އެވެ. ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އެމްޕޮލީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކޮށްދިނީ ސަބެސްޓިއާނޯ އެސްޕޮސީޓޯ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އެޓަލަންޓާ މޮޅުކޮށްދިން ލަނޑު ޖެހީ ކަޓަލެއާ އެވެ.

މޮޅާއެކު އެޓަލަންޓާ އެއް ވަަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ހަަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ނަޕޯލީ އަށް ލިބެނީ 38 ޕޮއިންޓެވެ. ތިން ވަަނައިގައި އިންޓަ މިލާން އަށް 34 ޕޮއިންޓު ލިބެނީ ދެ މެޗު މަދުން ކުޅެގެންނެވެ.

- ކޮމެންޓް