ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.
ފޮރިން މިނިސްޓްރީން އެކަން ހާމަކުރީ އާދިއްތަ ދުވަހު އާއްމު ކުރި ބަޔާނެއްގައެވެ.
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދިފައި ވަނީ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ރާއްޖެއިން ވަނީ މި ޤަރާރު ކޯ-ސްޕޮންސަރކޮށްފައެވެ. މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެމްބަރު ޤައުމުގެ ވޯޓާއެކުއެވެ.
ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށްއެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި ޤަރާރަށް ލިބިފައިވާ ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއްކަމުގައިވެސް ރާއްޖެއިން ޤަބޫލުކުރާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
އ.ދ.ގެ އާއްމު މަޖިލީހުން ފާސްކުރި އެ ޤަރާރަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށާއި އެ ޤަރާރު ހުށަހަޅާފައިވަނީ ނޯވޭ ގެ އިސްނެގުމާއެކު، އެހެން ޤައުމުތައް ހިމެނޭ ގްރޫޕަކުންކަން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލާއި އެމެރިކާ އަދި އިތުރު 10 ޤައުމަކުން ވަނީ މި ޤަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. 22 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މި ޤަރާރުގައި ވަކިން ޚާއްޞަކޮށް އައިސީޖޭ ގައި އެދިފައިވަނީ ފަލަސްތީނުގެ ސަރަޙައްދުތައް ގަދަކަމުން ހިފައިގެން ތިބި ބާރެއްގެ ގޮތުން އިސްރާއީލުގެ މައްޗަށް އޮތް ވާޖިބުތައް ދިރާސާކުރުމަށެވެ. ޚާއްޞަކޮށް ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ އާއި މުހިންމު އެހީގެ ތަކެއްޗާއި، ތަރައްޤީގެ އެހީ އާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ފަލަސްތީނު ރައްޔިތުންގެ އަމިއްލަ އަށް ކަންކަން ނިންމުމުގެ ޙައްޤު ދެމެހެއްޓުމަށް އެހީތެރިވުމަށް އިސްރާއީލުގެ މައްޗަށް އޮތް ޒިންމާ ދިރާސާ ކުރުމަށް ގަރާރުގައި އެދިފައިވެއެވެ. މި ޤަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރި ވުމުގައި ބޭރުގެ ޤައުމުތަކާއި އދ. ގެ އޭޖެންސީތަކުގެ ޒިންމާ އާ ބެހޭ ގޮތުން ވެސް އައިސީޖޭ ގެ ލަފައަކަށް ވަނީ އެދިފައެވެ.
ގަރާރުގައި މިކަމަށް އެދިފައިވާ އިރު 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ވުމަށް މަސައްކަތް ކުރާ އދ ގެ އަންރުވާގެ މަސައްކަތްތައް މަނާކުރުމަށް އިސްރާއީލުން ނިންމާ، އަދި ފާއިތުވި އަހަރު ގާޒާގައި އދ. ގެ އޭޖެންސީތަކުން އިންސާނިއްތު ކަމުގެ ގޮތުން މަސައްކަތްތައް ކުރުމުގައި އިސްރާއީލުން ވަނީ ހުރަސްތައް ކުރިމަތި ކޮށްފައެވެ.
މި ޤަރާރުގައި "ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި އިންސާނީ ޙާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން" ފާޅުކޮށް، އިސްރާއީލަށް ގޮވާލާފައިވަނީ އެ ޤައުމުގެ ވާޖިބުތައް އަދާކުރުމަށާއި، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލާފައިވެއެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލްގެ މެންބަރުން ވަނީ އަންރުވާ އަކީ ޣައްޒާ ގައި އިންސާނީ އެހީގެ މައިގަނޑު ތަނބު ކަމުގައި ތަކުރާރުކޮށް ބަޔާންކޮށްފައެވެ. ފާއިތުވި މަހު ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ މާހިރުންގެ ޕެނަލަކުން ނެރުނު ރިޕޯޓެއްގައި އިންޒާރު ދީފައިވަނީ އުތުރު ޣައްޒާ ގައި "ބަނޑުހައިހޫނުކަން ފެތުރުމުގެ ވަރަށް ބޮޑު ފުރުޞަތެއް" އޮތް ކަމަށެވެ. މި ޤަރާރު ފާސްކުރި އިރު، މި ހަފްތާގެ ކުރީކޮޅު ޖެނެރަލް އެސެމްބްލީން ފަލަސްތީން އާ ބެހޭ ގޮތުން އެހެން ގަރާރެއް ވެސް ވަނީ ފާސް ކޮށްފައެވެ. އެ ޤަރާރުގައި ފަލަސްތީނު ރައްޔިތުން އަމިއްލަ އަށް ގޮތް ނިންމުމުގެ ޙައްޤު ކަށަވަރުކޮށް ދިނުމަށް ގޮވާލާފައިވެއެވެ. އެ ގަރާރުވެސް ފާސްކޮށްފައިވަނީ ގިނަ ގައުމުތަކެއްގެ ތާއީދާ އެކުގައެވެ.