ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ބާސެލޯނާ އަށް އެއް ވަނަ މަގާމު ގެއްލިއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބާސެލޯނާ އިންނެވެ. ނަމަވެސް، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. އެ މެޗާ ކުރިމަތިލީއިރު، އެއް ވަނައިގައި ބާސެލޯނާ އިން ހިފަހައްޓަމުން އައި ބޮޑު ލީޑު އެ ޓީމަށް އޮތީ ގެއްލިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޕެއިންގެ ޕެޑްރީ އެވެ. އޭނާ އެ ލަނޑު ޖެހީ ސްޕެއިންގެ ގަވީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އެތުލެޓިކޯ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮޑްރިގޯ ޑި ޕައުލް އެވެ. އަދި މެޗުގެ ފުރިހަމަ ވަގުުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެ ޓީމު މޮޅު ކޮށްދިން ލަނޑު ޖެހީ އެލެގްޒެންޑާ ސޯލޮތު އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މޮޅާއެކު އެތުލެޓިކޯ އިން ވަނީ ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު، ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 18 މެޗުން އެ ޓީމަށް ލިބެނީ 41 ޕޮޮއިންޓެވެ. ބާސެލޯނާ ދެ ވަނަ އަށް ވެއްޓުނުއިރު، އެ ޓީމު ވަނީ އިތުރަށް އެއް މެޗު ކުޅެފަ އެވެ. މިހާތަނަށް ކުޅެފައިވާ 19 މެޗުން ބާސެލޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ 17 މެޗުން 37 ޕޮއިންޓާ އެކު އެވެ.