ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އިސްތިއުފާދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ.
ފަޒުލް އިސްތިއުފާދެއްވާފައި ވަނީ ހޮނިހިރު ދުވަހުއެވެ.
އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ އެ މަޤާމުގައި ހޭދަކުރި މުއްދަތުގައި އޭނާ އާއި މެދު ތަފާތު އެކި ތުހުމަތުތައް ކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހުރިހާ ތުހުމަތަކަށް އިންކާރުކުރައްވާ ކަމަށެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ އާއި އެހެން ޕްލެޓްފޯމްތަކުގައި ކުރާ ތުހުމަތުތައް ހިމެނޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ އޭނާ މަޤާމަށް އައްޔަންކުރި ފަހުން ކުންފުނީގެ ފަރާތުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް ކޮށްފައި ވަނީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގެ ޕޮލިސީތަކުގެ މަތިން ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ކުރީ ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ބިންވެރިޔާ ސްކީމާއި ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާއި ގުޅުމެއް ނެތް ތުހުމަތުތަކެއް ކަމަށް ވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ. އެ ތުހުމަތުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ވެސް ފަޒުލްގެ ސިޓީގައިވެއެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮތުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫންކަމަށް ފަޒުލް ވަނީ ފާހަގަކުރައްވާފައެވެ.
ފަޒުލް ވަނީ އިސްތިއުފާދެއްވަނީ ބިންވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށް ދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ހޮނިހިރު ދުވަހުން ފެށިގެން އިސްތިއުފާދެއްވާ ކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.