ކ. މާލެ
|
21 ޑިސެންބަރ 2024 | ހޮނިހިރު 18:46
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ
ރާއްޖެ އެމްވީ
ސަރުކާރުގެ ކޮރަޕްޝަން
ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ - މޮސްޓާ
އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވިސްނުމެއް ނެތި ސަރުކާރުން މަސައްކަތް ކުރަނީ އިސް މީހުންނަށް ފައިދާ ވާ ގޮތަށް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ
މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމާއި މެދު އެއްޗެއް ނުބުނެ ހަތަރު ފާރުތެރޭ ތިބެވޭކަށް ނެތް ކަމަށާއި، މަގުމަތީ ހަރަކާތަށް ނުކުންނަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މޮސްޓާ ވިދާޅުވީ މި ސަރުކާރުގެ ވަޒީރުން ފެންވަރުގެ މަޤާމްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ މަޤާމަކީ ވިއްކާފައިވާ މަޤާމެއް ކަމަށެވެ. އެ މަޤާމްތައް ދިނީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކެމްޕެއިން ދަތުރުތަކުގައި އުޅުނު ބޭފުޅުންނަށާއި އަރިހުގައި އެކި ފެންވަރުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ ކެމްޕެއިން އަށް ފައިސާ ދިން މީހުންނާއި، އެ މީހުން ބުނާ މީހުންނަށް ނުފޫޒު ގަދަ މަޤާމުތައް ދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދަށް ވެސް މަޤާމެއް ދޭން ޖެހުނީ ކުރިން ރައީސް މުއިއްޒުގެ އަރިހުގައި ގާތްކޮށް ފަޒުލް މަސައްކަތްކުރުމުން ކަމަށް މޮސްޓާ ވިދާޅުވިއެވެ. ޕީއެންސީ އާއި އެކު ކުރިން މަސައްކަތް ކުރި އިރު ވަރަށް ގިނައިން ކެމްޕެއިންގައި އުޅުނު މީހުންނަށް މަޤާމެއް ދޭން ވާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކި މަންޒަރު ފެނިފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ދިމްޔާތު ތެރޭގައި ވެސް އެ ވާހަކަތައް ދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުންއެމްޑަބްލިއުއެއްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ފަޒުލްގެ ބޭބެ، ފަޒީލް ރަޝީދަށް ހައްގު ނޫން ގޮތުގައި ހުޅުމާލޭން ގޯއްޗެއް ހޯދައި އެތަނުގައި ވަށައިފާރު ރޭނި މައްސަލަ އަށް ވެސް އޭނާ އަލިއަޅުވާލެއްވިއެވެ. ރައީސް މުއިއްޒު އާއި މި ވެރިކަމުގެ އިސްކޮށް ތިބި މީހުންނަކީ ބިން ފޭރޭ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ސަރުކާރުގެ ތެރޭގައި މިފަދަ އެތައް ކޮރަޕްޝަނެއް އޮތް ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މި މީހުންނަކަށް ނޭނގޭ ދެން މަގުމަތިވާނީ ކަމެއް މި ފަސް އަހަރަށް ފަހު. އެހެންވީމަ ބާޒު އުސޫލުން ނޮޅާ ކާލަނީ. އިނގޭ ވެރިމީހާވެސް އެއީ އެކަހަލަ މީހެއްކަން. އެހެންވީމަ ކުރީ ޒަމާނު ރަސްކަމެއް ހެން ބިން ފޭރެނީ. ބިން ފޭރޭ ރަސްކަމެއް މިއޮތީ. ފުރަތަމަ މިކަމުން އާއްމުން ސަލާމަތް ކުރަންވީ. ރަސްގެފާނުގެ ބޭނުމަށް ބިން ނަގާ އުސޫލަށް އެބަދޭ. އޭގެ ކުރިން މިކަން ނިންމަން ޖެހޭ އެބަ.
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

މޮސްޓާ ވަނީ ކުރީގައި ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ހުޅުމާލެ ހިނގަނީ އެޗްޑީސީގެ ދަށުން ކަމަށް ވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިކަން ހާމަކުރައްވާފައެވެ. އޭރު ހުޅުމާލެ ހިނގަނީ ވަކި ދައުލަތެއްގެ ގޮތުގައި ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް މޮސްޓާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އޭރު މަސައްކަތް ކުރީ ކައުންސިލްގެ އިހްތިޞާސްގެ ތެރެއަށް ހުޅުމާލެ ގެނައުމަށް ކަމަށް ވިދާޅުވެފައެވެ. އޭރު ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބަދަލުކުރަން މަސައްކަތް ކުރެއްވި ފަދައިން ވެރިކަމަށް ވަޑައިގެން އެކަން ނުކުރެއްވި ސަބަބާއި މެދު މޮސްޓާ ވަނީ ސުވާލު އުފައްދަވާފައެވެ.

މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާއްމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވިސްނުމެއް ނެތި ސަރުކާރުން މަސައްކަތް ކުރަނީ އިސް މީހުންނަށް ފައިދާ ވާ ގޮތަށް ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
21 ޑިސެންބަރ 2024 | ހޮނިހިރު 23:12
ލާމު
އެންމެންވެސް ވަޒީފާ ދެނީ ގާތް މީހުންނަށާއި ކެންޕެއިންގައި އުޅުނު މީހުންނަަށް. ނަޝީދު، ޔާމީން، އިބޫ، މުޢިއްޒު ވެސް މިކަމުގައި އެއްގޮތް.