ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 04:58
އަނަސްޢަބްދުއް ސައްތާރު: އޭސީސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ
އަނަސްޢަބްދުއް ސައްތާރު: އޭސީސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ
ރާއްޖެއެމްވީ
އެމްއެމްޕީއާރުސީގެ ހިޔާނާތް
ރައީސް ޔާމީންގެ އިއުތިރާފާއެކު އޭސީސީން ނެރޭ އެމްއެމްޕީއާރުސީގެ ރިޕޯޓް މުރާޖައާ ކުރަން ޖެހޭ: އަނަސް
އެއަށް ވުރެ ބޮޑު އިއުތިރާފެއް ނުވެވޭނެ
ކާފީ ހެއްކާއި ޤަރީނާތައް އެވަނީ ލިބިފައި
ރައްޔިތުންގެ ކުރިމަތީގައި މީހަކު އިއުތިރާފެއް ނުވާނެ ހަޤީގަތާ ޚިލާފް ވާހަކަތަކެއް ނަމައެއް

ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި އިއުތިރާފާއި ގުޅިގެން އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ނެރެން އުޅޭ ރިޕޯޓް މުރާޖައާ ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

 

އަނަސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

 

ޤާނޫނީ ވަކީލްކަންވެސް ކުރައްވާ އަނަސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް ޔާމީން ވެވަޑައިގެންނެވި އިއުތިރާފުން ހެއްކާއި ޤަރީނާ އަދި ބޭނުންވާ ހުރިހާ އެއްޗެއް އެމަނިކުފާނާ ދެކޮޅަށް އެވަނީ ލިބިފައި ކަމަށާއި ހަމައެކަނި އެމައްސަލައަށް ބެލިކަމުގައި ވިއަސް އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ހިންގަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރަށް ހުރި ކަންކަމަށް ބަލާއިރު މިސަރުކާރުގެ ތެރޭގައި އެކަމުގެ އިތުރު ހެކިތައް ހުންނާނެ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.

 

އަނަސް ވިދާޅުވީ އެފަދަ ހެކިތައް ހުރި ނަމަވެސް އޭސީސީފަދަ ތަންތަނުން އެކަންކަން ބަލަމުން ނުދާ ކަމަށާއި އެކަންކަމަކީ އޭސީސީއަށް ހުށަނޭޅިކަމުގައި ވިއަސް އެމުއައްސަސާއަށް ލިބިގެންދާ ބާރުގެ ދަށުން ބެލޭނެ ކަންކަން ކަމަށެވެ.

 

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާގުޅޭގޮތުން އޭސީސީން އަދިވެސް ރިޕޯޓް ނުނެރި އޮތްއޮތުމަށް އިޝާރާތް ކުރައްވާ އަނަސް ވިދާޅުވީ އޭސީސީން އެކަމުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތް ކަމަށާއި އެރިޕޯޓް ނިންމަވައިގެން އެބޭފުޅުން ތިއްބަވަނިކޮށް އަލްޖަޒީރާއިން ނެރުނު ރިޕޯޓާ ގުޅިގެން އަލުން ތަހުގީގް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އޭގެ އެތައް މަހެއްގެ ފަހުން އަދިވެސް އެރިޕޯޓް ނެރެފައި ނުވާ ކަމަށާއި އެހާ ދުވަސް ނަގަން ޖެހޭނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ.

 

އަނަސް ވިދާޅުވީ އޭގެ ފަހުން އޭގެ އެންމެ މުގުލުގައި ހުރިކަމަށް ތުހުމަތު ކުރެވުނު ރައީސް ޔާމީން އެވަނީ އިއުތިރާފް ވެވަޑައިގެންފައި ކަމަށާއި އެހެންކަމަށް ވާނަމަ އަލުން އެރިޕޯޓް މުރާޖައާ ކުރަން ޖެހޭނެ ކަމަށެވެ. އަނަސް ވިދާޅުވީ ކަނޑައެޅިގެން ދޫވެއްސަށް އެފައިސާ ވަތްކަމަށް ރައީސް ޔާމީން އިއުތިރާފްވެވަޑައިގަންނަވާކަމަށާއި އެއީ ޙަޤީގަތެއް ކަމުގައި ނުވާނަމަ ރައްޔިތުންގެ ކުރިމަތީގައި މީހަކު އިއުތިރާފެއް ނުވާނެ ކަމަށެވެ.

 

އެހާ ހާމަކަން ބޮޑު ގޮތެއްގައި ރައީސް ޔާމީން އިއުތިރާފްވެވަޑައިގެންފައިވާއިރު އޭސީސީން އެވާހަކަތަކަށް ބިނާކޮށް އަލުން ތަހުގީގް ކުރަން ޖެހޭނެ ކަމަށާއި އެތަހުގީގްގައި ރައީސް ޔާމީން އޭސީސީއަށް ކުރިން ދެއްވި ބަޔާނަށްވުރެ އިސްކަމެއް ދެއްވަން ވާނީ ރައްޔިތުންގެ ކުރިމަތީގައި ހާމަކޮށް ދެއްވި ވާހަކަފުޅަށް ކަމަށެވެ. އަނަސް ވިދާޅުވީ އެތަހުގީގްކޮށް އަލުން މުރާޖައާ ކޮށްގެން  ނޫނީ އެރިޕޯޓް ސައްޙަ ނުވާނެ ކަމަށާއި އެހެންކަމުން އެރިޕޯޓް އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށެވެ.

 

"މުލުގަ ހުރި އެންމެ އިސްމީހާ މިއޮތީ އަމިއްލަފުޅަށް އިއުތިރާފް ވެފައި. ސްޓީލިންގ ޕެރަޑައިސް ޑޮކިއުމެންޓްރީއާ ގުޅިގެން އަލުން އެރިޕޯޓް މުރާޖައާ ކުރި ފަދައިން ރައީސުލް ޖުމްހޫރިއްޔާގެ އިއުތިރާފަށްފަހު އަލުން އެބަޖެހޭ އެރިޕޯޓް މުރާޖައާ ކުރަން" އަނަސް ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް