އެންމެ ބޮޑު ކަންބޮޑުވުމަކީ ގޯތީގެ ހިޔާނާތް ހިންގީ ސީދާ ރައީސް އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ވުން ކަމަށާއި މިއީ ރޭވިގެން ހިންގި ޖަރީމާ އެއް ކަމަށް ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިއްކޮ) ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ވަގަށް ގޯއްޗެއް ދިންކަން ފަޅާ އެރީ އެކަމާއި ގުޅުން ހުރި ލިޔުންތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްލި ހިސާބުންނެވެ.
މީގެ އިތުރުން އެ ގޯތި ވެރިފައި ކުރަން ހައުސިން މިނިސްޓްރީއަށް ފޮނުވީ އިންފާރު ރާނަން ހުއްދަ ވެސް ދީފަ ކަން ބުދަ ދުވަހުގެރޭ އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަޒުލް ދެއްކި ވާހަކައިން ވަނީ ހާމަވެފައެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިކޮ ވިދާޅުވީ މިއީ އިއްތިފާގަކުން ހިނގާކަންކަން ކަމަށް ޤަބޫލު ނުކުރެވޭ ކަަމަށެވެ. ފަޒުލް އަކީ މީގެ ކުރިން ވެސް ވައްކަމުގެ ޓްރެކް ރެކޯޑެއް އޮތް މީހެއް ކަމަށް އެނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާތަނަށް އެނގެން ހުރި މައުލޫމާތުން ފަޒުލްގެ ކޮއްކޮ އަށް ގޯއްްޗެއް ސިއްރުން ދީ، އެ ތަނުގައި ވަށާ ފާރު ރޭނީ އެޗްޑީސީގެ ފެނުމާއި އެނގުމުގެ ތެރެއިން އެކަން ސުވާލެއް ނެތް މިންވަރަށް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެޗްޑީސީގެ ނޫސްވެރިންގެ ބައްދަލުވުމަށް ބަލާލުމުން މިދިޔަ އޮގަސްޓް މަހު މިއީ ވަގު ގޯއްްޗެއްކަން އެޗްޑީސީ އަށް އެނގުނުކަން ހާމަވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެޗްޑީސީ އިން ވެސް ހައުސިން މިނިސްޓްރީ އިން ވެސް މި މައްސަލަ އޮއްބާލަން މަސައްކަތް ކުރިކަމަށް އެނގެން އޮތް ކަމަށް އައިކޮ ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީ ހިންގަން ރައީސް އައްޔަންކުރި ބޭފުޅުން މިފަދަ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގުމަކީ އާދައިގެ ކަމެއް ނޫންކަމަށް އައިކޮ ވިދާޅުވިއެވެ. އެކަމުން އެނގެނީ ސަރުކާރު ހިންގުމުގެ ވައްޓަފާޅިއަކީ ކޮރަޕްޝަނާއި ފަސާދައިގެ ގޮތުގައި އޮތްކަން ކަމަށް އޭނާ ވިދާޅުވެފައެވެ. މިކަން ފޮރުވަން އުޅުނުކަން ސާފުކޮށް އެނގޭ ކަމަށާއި އެއީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އައިކޮ ވިދާޅުވިއެވެ.
މި ދެ ބޭފުޅުންގެ ކޮއްކޮ އިންނަވަނީ ކޮމިޓީގަ. ބިންވެރިޔާ ސްކީމްގެ. ފިޒާނާ ރަޝީދު. މިއީކީ ކުޑަކުއްޖަކު ވެސް ގަބޫލުކުރާނެ ކަމެއްނޫން. ބިންވެރިޔާ ސްކީމްގެ ހަވާލު ނުކުރާނެކަމުގެ ސިގްނަލްތަކެއް ފޮނުވަމުން ދަނިކޮށް މިފަދަ ކަމެއް ވީމަ މުޅި ޕްރޮސެސް އަށް އިތުބާރު ގެއްލޭ. ހަމައެކަނި ބިން ހޯދަން އުޅުމެއް ނޫން ޖިނާއީ އެލެމެންޓަކީ. މިކަން ފޮރުވުމަކީ ވެސް މައްސަލަ އެއް. ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުން. މިއީ ރޭވިގެން ހިންގާ ޖަރީމާއެއް.ޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިކޮ)
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވި ގޮތުގައި ޖުލައިގައި، އެޗުޑީސީއަށް މި މައްސަލަ އުޅޭކަން ވަނީ ފާހަގަވެފައެވެ. އެކަން އެނގުނީ ޖޫންގައި އިންފާރު ރޭނުމުގެ ހުއްދައަށް އެދި މީހަކު އެޗުޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވަނިކޮށް ޖުލައިގައި ހަމަ އެ ޕްލޮޓަށް އެފަދަ ހުށަހެޅުމެއް އެހެން މީހަކު ފޮނުވި ހިސާބުންނެވެ. އިންފާރު ރާނަން ހުށަހެޅުއްވި އެކަކީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލު ރަޝީދު އެވެ.
އެކަން ސޯޝަލް މީޑިއާއަށް ތިލަވުމުން އެ މައްސަލަ ބަލަން ފުލުހުން ވަނީ ފަށާފައެވެ. މިދިޔަ ޖުލައިގައި އެނގުނު ކަމެއްގައި މިހާ ހިސާބަށް ވެސް އެކަން ނުބެލި އޮތީ ކީއްވެގެންތޯ ނޫސްވެރިން ކުރި ސުވާލަށް ފަޒުލް އަށް ޖަވާބެއް ނުދެވެއެވެ.