ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ކްރިސްޓަލް ޕެލެސްްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޕެލަސް އިންނެވެ. ނަމަވެސް އާސެނަލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލީޑު ހޯދައިފަ އެވެ. އޭގެ ފަހުން މެޗުގައި ޕެލަސް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޕެލަސް އަށް ލީޑު ނަގައިިދިނީ ހުއާން ފިލިޕޭ މަޓޭޓާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގަބްރިއެލް ޖީސޫސް އެވެ. އެއީ މާޓީން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައި އާސެނަލަށް ލީޑު ހޯދައިދިނީ ވެސް ޖީސޫސް އެވެ. އެ ލަނޑު އޭނާ ޖެހީ ބުކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި ޖީސޫސް ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެލަސްގެ ފަހު ލަނޑު ޖެހީ އެޑީ އެންކެއިޓާ އެވެ.
އާސެނަލް އަށް މިހާތަނަށް ކަރަބޯ ކަޕް ކާމިޔާބު ކުރެވުނީ ދެ ފަހަރު އެވެ. އެއީ 1987 އަދި 1993 ވަނަ އަހަރު އެވެ. އެންމެ ފަހުން އާސެނަލަށް ކަރަބޯ ކަޕްގެ ފައިނަލް އިން ޖާގަ ލިބުނީ 2019 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލްގައި ބަލިވީ މެންޗެސްޓަރ ސިޓީ އަތުންނެވެ.