ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި، ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަމުން ވައްކަން ކޮށް އެޗްޑީސީގެ ތެރެއިން ހުޅުމާލޭގެ ބިންތަކެއް އޮޅުވާލައިގެން ދީފައި ވާތީ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ތަހުގީގުކޮށް އަވަސް ފިޔަވަޅު އެޅުމަށް ވެސް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި އެ ޕާޓީގެ ގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
"މި ސަރުކާރުން ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ." އެމްޑީޕީ ގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީ އިން ފާހަގަ ކޮށްފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެކެވެ.
އޭގެ އިތުރުން, މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާ އެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާން ކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.
"މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި "ބިންވެރިޔާ" ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.
އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތަކުގެ ހިންގުން ބޮއްސުންލައި އެ ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
"ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.