ކ. މާލެ
|
18 ޑިސެންބަރ 2024 | ބުދަ 12:52
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޤަތަރާއި ރާއްޖޭގެ ގުޅުން
ޤަތަރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޚާއްސަ އިސްކަމެއްދޭނަން: ރައީސް މުއިއްޒު
ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރުކުރާނެ
ދެ ގައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ގާއިމުވެ ތިބެވޭނެކަމުގެ ޔަގީންކަން ދެއްވި
ޤަތަރުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަސް

ޤަތަރަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޤަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ތަހުނިޔާ ވިދާޅުވެ، ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި ފަޚުރުވެރި މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްކަ ނަންފުޅުގައި އެ ގައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ގާއިމުވެ ތިބެވޭނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޤަތަރަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ޚާއްސަ އަހައްމިއްޔަތު ކަމެއް ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ޤަތަރުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

ރައީސްގެ "އެކްސް" އެކައުންޓުންވެސް އެމަނިކުފާނު ވަނީ ޤަތަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

- ކޮމެންޓް