ދަރުބާރުގޭގައި ހިނގަމުންދާ ހައުސިންގ މިނިސްޓްރީ އަށް މައުލޫމާތު ސާފު ކުރަން ދިޔަ އާންމުންގެ ބަޔަކަށް ދަރުބާރުގެ އަށް ވަންނަ މައި ގޭޓާ ހަމައިން ފުލުހުން ހުރަސް އަޅާ އިމާރާތައް ވަނަ ނުދީ އެތަނުން ބޭރު ކޮށްފިއެވެ.
އަންގާރަ ދުވަހު މެންދުރު ކުރިން ހިނގި މިހާދިސާ އާ ގުޅިގެން މައުލޫމާތު ހޯދަން ދިޔަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ފަރާތަކާ މި ނޫހުން ވާހަކަ ދެއްކުމުން ބުނީ އެކަން ހިނގި ކަމަށާއި ހައުސިންގ މިނިސްޓްރީ އަށް ވަންނަން ފުލުހުން ހުރަސް އަޅާ ބޭރަށް ނެރުނު ކަމަށެވެ.
އެކަން ފުލުހުން ކުރި ސަބަބަކީ ކޮބާތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފުލުހުން އެމީހުން ބޭރު ކޮށްލީ އެތަނުގައި މުޒާހަރާ ކުރަން އައި ބައެއް ކަމަށް ބުނެފައި ކަމަށެވެ.
"އަހަރެމެންނަކަށް ނޭގެ ފުލުހުން އަމިއްލަ އަށް އަހަރެމެން ދިޔަ ބޭނުން ނިންމި ގޮތެއް، އަޖައިބުވެފައި މިތިބީ، ފުލުހުން އަމިއްލަ އަށް ގޮތް ނިންމާ ޚިދުމަތް ހޯދަން ދިޔަ ދިވެހި ރައްޔިތުން ތަކެއް ބޭރުކޮށް ފޮނުވާލީމާ." އޭނާ ބުންޏެވެ.
"އަހަރެމެން އެހިން މަޑުމަޑުން ރީތި ކޮށް އެތަނަށް މައުލޫމާތެއް ސާފު ކުރަން ދިޔަ ބަޔަކާ ބެހޭ ގޮތުން ފުލުހުން ގޮތް ނިންމީ ކޮން ކަމަކަށް ބަލާފައިތޯ ވެސް،"
އޭނާ އިތުރަށް ސާފު ކޮށްދިން ގޮތުގައި މައުލޫމާތު ހޯދަން ދިޔަމީހުން އެތަނަށް ދިޔައީ އެއްވެސް ގޮތަކަށް އެފަދަ ނިޔަތެއް އޮވެގެންވެސް ނޫން ކަމުގައެވެ. އަދި ދިޔަ އެއްވެސް މީހަކު އަޑުގަދަ ކޮށް ނުވަތަ ބޭއަދަބީ އެއްޗެއްވެސް ބުނެފައި ނުވާ ކަމުގައެވެ.
މިކަން ހިނގި ވަގުތަކީ ވިއްސާރަ ވެހެމުން ދިޔަ ވަގުތެއް ކަމަށާއި ވިއްސާރަ ހުއްޓާލަން ދެން މަޑު ކޮށްލަން އެދުމުން ވެސް އެކަންވެސް ގަބޫލު ނުކުރި ކަމަށެވެ.
"ފުލުހުން ބުނީ ނުތިބެވޭނޭ ޖެހޭނީ ނުކުންނާށޭ،" އޭނާ ބުންޏެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައުސިންގ މިނިސްޓްރީން ވަނީ 15 ޑިސެމްބަރުގައި ކޮށްފައިވާ އިއުލާނަކުން އެ މިނިސްޓްރީގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ދަރުބާރުގޭގައި ކަމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކުން އަމީނީ މަގުގެ ދޮރާށިން ވަނުމަށް އާންމުކޮށް އަންގާފައެވެ.