ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މެޔަށް އެރި ތަދަކާ ގުޅިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް، މެޔަށް އެރި ތަދަކާ ގުޅިގެން އަބްދުއްރަހީމް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެއެވެ. އެފަހަރު އޭނާ އައިސީޔޫގައި ބާއްވައިގެން ވެސް ފަރުވާ ދިން އިރު، ރާއްޖެއިން ބޭރުން އިތުރު ފަރުވާ ވެސް ހޯއްދެވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމް އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްފައިވަނީ ފަތިހުގެ ވަގުތެއްގަ އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ އަބްދުއްރަހީމްގެ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި، މަޑުކުރަމުންދަނީ ލޭގެ ޓެސްޓެއްގެ ނަތީޖާ ލިބެންދެން ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް އެޑްމިޓް ކޮށްފައިވާއިރު، ހުކުރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމް ހަރުގެ ޖަލްސާގައި އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ.