ކ. މާލެ
|
16 ޑިސެންބަރ 2024 | ހޯމަ 12:58
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
ހައުސިން މިނިސްޓްރީގެ ބޮޑު ހުޅު ހާދިސާ
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު އެބައޮތް: އެމްޑީޕީ
ބޭރުގެ އެހީތެރިކަމާއެކު ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރު މުޅި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާތީ ސުވާލު އުފެދޭ
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރޭ
މިއަލިފާނުގެ ހާދިސާއިން ފެނިގެންދިޔައީ މިސަރުކާރުގެ ނާގާބިލްކަން

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގައި އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 12 ޑިސެންބަރު 2024 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ފަތިހު 5:30 އިން ފެށިގެން އެއިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ދުމުގެ އަސަރު އެތަނުން ފެންނަމުން ދިޔަ ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަަ ވަގުތުތަކެއް ހޭދަވެގެންދިޔައިރު، މިކަމުގައި އިހުމާލު ވަރަށް ބޮޑަށް އެބައޮތް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މިހާދިސާގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ އެމްއެންޑީއެފްކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ 6:00 އާއި 6:30 އާދޭތެރޭގައި އެމްއެންޑީއެފުން މިކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އަލިފާންގަނޑު ބޭރަށް ފެނިފައިވަނީ އޭގެ ގާތްގަނޑަކަށް ދޮޅުގަޑިއިރު ފަހުން ކަމަށާއި، އެހެންކަމުން އެމްއެންޑީއެފްގެ ބޭފުޅުންނަށް މިކަމުގައި މަސައްކަތް ކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ އަލިފާނުގެ ހާދިސާއެކު ރައްޔިތުންތަކެއްގެ މުހިންމު ލިޔެކިއުންތަކެއް ގެއްލިފައިވާ ކަމަށާއި، ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭ ކަމަށެވެ. އިމާރާތުގެ އެތެރޭގައި ހުރި ސަރވާ ނެރެދިނުމަށް އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މުވައްޒަފުން އެދުނު ކަމަށާއި، ނަމަވެސް އެމަސައްކަތަށް އިޖާބަ ދީފައިނުވާ ކަމަށެވެ. ހައުސިން މިނިސްޓްރީ އިމާރާތާއި ޖެހިގެން ހުރި ގްރީން ބިލްޑިންއަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ އެބިލްޑިންގއަކީ ކޮންކްރީޓުން ހަދާފައިވާ ތަނެއް ކަމަށާއި، އެހައި ފަސޭހައިން އެތަނުގައި ހުޅު ނުހިފާނެ ކަމަށެވެ. އަދި އެއިމާރާތާ ދޭތެރޭގައި ހުސް ޖާގަ އޮންނަ ކަމަށާއި، މިކަމުގައި ވެސް ސުވާލު އުފެދޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ބޭރުގެ އެހީތެރިކަމާއެކު ތަހުގީގު ހިންގާނެ ކަމަށް ފުލުހުން ބުނެފައިވާއިރު، މިހާރު މުޅި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބޭރުގެ މާހިރުން ރާއްޖެއަށް އަންނައިރު، މުޅިތަން ސާފުކޮށް ނިމޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް ގެންދާނީ ކޮން ތަހުގީގެއްތޯއާއި، އަލިފާން ރޯވާން މެދުވެރި ސަބަބު އެނގޭނެތޯ މެންބަރު ނާޒިލް ސުވާލު އުފެއްދެވިއެވެ.

ދެން އަލިފާން ކޮންޓްރޯލް ކުރުމުގައި ހަމަ ޔަގީނުން ވެސް ބޮޑެތި އިހުމާލުތަކެއް ވާކަން އެއީ އަޅުގަނޑުމެންނަށް ޔަގީން ކަށަވަރު ކަމެއް. 5:30އިން ފެށިގެން ހަ ގަޑިއިރު ވަންދެން އެކަމެއްގައި އުޅެ އެކަން ކޮންޓްރޯލް ނުވެ ދާވަރުގެ ކަމެއް ނޫން ފުރަތަމަ އަޅުގަނޑުމެންނަށް މައުލޫމާތު ލިބެމުން އައީ. އެހެންވީމަ ޔަގީނުން ވެސް ބޮޑުކޮށް އިހުމާލު ވެއްޖެ. އިހުމާލުވީ ކޮންބައެއްތޯއާއި، ކިހިނަކުން އައި ކަމެއްތޯ އަޅުގަނޑުމެން އެބަ ޖެހޭ ސާފުވާން. އެއީ މިޕާޓީން ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމެއް. މިކަން ހިނގާދިޔަ ގޮތް ރަނގަޅަށް އެނގޭނެ ގޮތަކަށް އަޅުގަނޑުމެން މިމަސައްކަތް ކުރަންޖެހޭ. މިމަސައްކަތް ކުރުމުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތް. އަޅުގަނޑުމެން މިދަނީ އެކަމާ ގުޅިގެން މަޝްވަރާ ކުރަމުން. އެކަމުގެ ތަޖުރިބާއާއި އެ ހުރިހާ އެއްޗެހި ލިބިފައިވާ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ މިހާދިސާއާ ގުޅިގެން އެމްޑީޕީން ކަންބޮޑުވާ ގިނަ ކަންކަން އެބަހުރި ކަމަށާއި، ގިނަ ސުވާލުތައް އުފެދޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް އެހައި ގިނަ ވަގުތުތަކެއް ހޭދަވި ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް ސައްލެ ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން އެމްޑީޕީން ކަންބޮޑުވާ ކަންކަން އެބަހުރި. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލަކީ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމަށް މިހައި ގިނަ ވަގުތު ނެގީ ކީޢްވެތޯ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިއްތިފާގުން ވެސް މިހާދިސާ ހިނގި ލޮކޭޝަންއަކީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު މެއިން ސެންޓަރާއި ވަރަށް ގާތް، ގާތްގަނޑަކަށް 100އެއްހާ މީޓަރު އެންމެ ދުރުވެގެން ހުންނާނީ. އެނެއް ކޮޅުން ޓީޖެޓީ 30 އަކަށް މީޓަރު ގާތުގައި އެއޮތީ. ވަށައިގެން އެއޮތީ ނިސްބަތުން ފުޅާ މަގުތަކެއް. ހާދިސާ ހިނގި އިމާރާތުގައި އެވަގުތު މީހުންނެއް ނޫޅޭނެ އެގަޑީގެ ގޮތުން. އެހެންވީމަ މިހުރިހާ ކަންތައްތަކަށްބަލާއިރު، ގާތްގަނޑަކަށް 6 ގަޑިއީރާއި 15 މިނެޓުން މިކަމަށް ހޭދަވިއިރު ބައެއް ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ އަލިފާން ނިވުނީ ދެން އަދާނެ އެއްޗެއް ނެތުނީމައޭ. އެހިސާބަށް ގެއްލުންވެގެންތޯ މިކަން ނިންމާލެވެނީ. އެއީ އެއްސުވާލު އަޅުގަނޑުމެންގެ ހިތުގައި އުފެދޭ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

މިހާދިސާއާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެންމެ ގިނަ ލިޔެކިއުންތައް ހުރި، ރައްޔިތުންނާއި އެންމެ ގުޅުންހުރި އެންމެ ބޮޑު ތިން މިނިސްޓްރީ އަނދާހުލި ވެގެންދާއިރު، މިއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

މެންބަރު މައުރޫފް ވިދާޅުވީ މިހާދިސާއާ ގުޅިގެން މިސަރުކާރުގެ މިނިސްޓަރުން އަމަލުތަކުން ވެސް ސުވާލު އުފެދޭ ކަމަށާއި، އެއް މިނިސްޓަރާއި، އަނެއް މިނިސްޓަރު ދައްކަވާ ވާހަކަތައް ދިމާނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އައިރު، އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރާ ކަމަށާއި، ލިބިފައިވަނީ ކިހައިވަރެއްގެ ގެއްލުމެއްކަން ވެސް ހާމަނުކުރާ ކަމަށެވެ. އެހެންކަމުން މިކަމުގައި ސަރުކާރުގެ ކަންބޮޑުވުން ނެތްކަން ފެނިގެންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ އެންބަވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއަލިފާނުގެ ހާދިސާއިން ފެނިގެންދިޔައީ މިސަރުކާރުގެ ނާގާބިލް ކަމަށެވެ. މިހާދިސާގައި ކަންކަން މެނޭޖްނުކުރެވި، ރައްޔިތުންނަށް އެނގެންޖެހޭ މައޫލޫމާތު ވެސް ހާމަނުކޮށް ސިއްރު ކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

- ކޮމެންޓް