އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ޗެލްސީން އޮތީ ތައްޔާރަށް ނޫން ކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ލީގުގައި ޗެލްސީން އެ ޓީމުގެ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ހޯދި މޮޅާއެކު ޗެލްސީން ވަނީ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ.
މެޗުން މޮޅުވެ ޗެލްސީ ދެ ވަަނައިގައި އޮތްއިރު، ލީގު ރޭހުގައި ޗެމްޕިއަންކަން ހޯދުމަށް ޗެލްސީން ވާދަކުރަމުން އަންނަ ކަމަށް ބުނެ މަރެސްކާއާ ވަނީ ސުވާލު އަމާޒު ކޮށްފަ އެވެ. އެ ސުވާލާ ގުޅިގެން މަރެސްކާ ބުނީ އޭނާ ޤަބޫލު ކުރާ ގޮތުގައި އެކަމަށް ޗެލްސީ އަދި ތައްޔާރު ނޫން ކަމަށެވެ.
މަރެސްކާ ބުނީ އެންމެނަށް ވެސް ލީގު ޗެމްޕިއަންގެ ވާހަކަ ދެކެވޭނެ ކަމަށާއި، އަދި ޗެލްސީގެ ސަޕޯޓަރުންނަށް އެކަމުގެ އުންމީދު ކުރެވޭނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އޭނާ އަށް ބުނެވޭނީ އޭނާ އަށް ފެންނަ ގޮތެއް ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. އެގޮތުން ޗެލްސީ އޮތީ އެކަމަށް ތައްޔާރުވެފައި ނޫން ކަމަށާއި، ނަމަވެސް ސަޕޯޓަރުން އެކަމުގެ އުންމީދު ކުރުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށް މަރެސްކާ ބުންޏެވެ.
އިތުރަށް ވާހަކަ ދަައްކަމުން މަރެސްކާ ބުނީ މެޗުގައި ފެނުނީ ޗެލްސީގެ ކުޅުންތެރިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުން ދިޔަ މަންޒަރު ކަމަށެވެ. ނަމަވެސް މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ޗެލްސީ ކޮޅަށް ލަނޑެއް ވަތްކަން ފާހަގަކޮށް މަރެސްކާ ބުނީ، އެއީ އާދައިގެ ކަމެއް ކަމަށެވެ. މެޗުގައި ޗެލްސީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށާއި، ދެ ލަނޑަށްވުރެ ގިނަ ލަނޑު އެ ޓީމަށް ޖެހުނީވެސް ކަމަށް ވެސް މަރެސްކާ ބުންޏެވެ.
މީގެ އިތުރުން މަރެސްކާ ބުނީ ޗެލްސީ ކުރިއަށް ދަނީ ރަނގަޅު މިސްރާބެއްގައި ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމެއް ނެތި ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި ރަނގަޅު ކުރަން ހުރި ކަންކަމާއެކު، އަދި ވެސް ޗެލްސީ އަށް ކުރިއެެރުންތަކެއް ހޯދޭނެ ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. އަދި ޗެލްސީ އާއެކު ކުރިއަށް ދަނީ، ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކަމަށް މަރެސްކާ ފާހަގަ ކުރި އެވެ.
މޮޅާއެކު ޗެލްސީ ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. ޗެެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 36 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި ދެ ޕޮއިންޓުގެ ފަރަގެއް އޮތްއިރު، މި ފަހުން އައިސް ޗެލްސީން ވަނީ އެ ޓީމުގެ ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ.