ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.
ވަޔެކާނޯގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަަރުވެގެންނެވެ. މެޗުގައި ވަޔެކާނޯ އިން ކުރި ހޯދާފައި ވަނިކޮށް، ރެއާލް އިން ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ހޯދި އެވެ. ނަމަވެސް ވަޔެކާނޯ އިން ތިން ވަނަ ލަނޑެއް ޖަަހައިގެން ނަތީޖާ ހަމަހަމަ ކުރި އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވަޔެކާނޯ އަށް ލީޑު ނަގައިދިނީ އުނާއި ލޮޕޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އަބްދުލް މޫމިން ވަނީ ލަނޑު ޖަހައި ވަޔެކާނޯގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ފެޑެރިކޯ ވަލްވާޑޭ ވަނީ ރެއާލްހެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޫޑް ބެލިންހަމް އެވެ.
ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ރޮޑްރީގޯ ޖެހި ލަނޑުން ރެއާލް އިން ވަނީ ލީޑު ނަގައިފަ އެވެ. އެ ލީޑުގައި އޮވެ ރެއާލް އިން ކުޅެމުން ދަނިކޮށް، މެޗުގެ 64 ވަނަ މިނެޓުގައި އިސީ ޕަލަޒޮން ޖެހި ލަނޑުން ވަޔެކާނޯ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާ އެކު ރެއާލް ދެ ވަަނައިގައި އޮތީ 17 މެޗުން 37 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވެ، ރެއާލް އަށް އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ވާދަވެރި ބާސެލޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ.