މަގާމުން ދުރުކޮށްފައިވާ ވެނެޒުއޭލާގެ ޗީފް ޕްރޮސިކިއުޓަރާއި އެކަމަނާގެ ފިރިކަލުން ވެނެޒުއޭލާގައި "ދިރިއުޅުމަށް ނުރައްކާ" ކަމަށް ވިދާޅުވެ ގައުމުން ބޭރަށް ވަޑައިގެންފިއެވެ.
ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރު ލުއިސާ އޯރޓޭގާ ޑިއާޒް އާއި ފިރިކަލުން ޖާމަން ފެރޭރާ ވަޑައިގެންނެވީ ކޮލަމްބިއާ އަށެވެ. ކޮލަމްބިއާގެ ކަމާބެހޭ ފަރާތްތަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު ލުއިސާ އާއި ފިރިކަލުން ކޮލަމްބިއާ އަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ.
ވެނެޒުއޭލާގެ ކުރީގެ ޗީފް ޕްރޮސިކިއުޓަރާއި އަދި ފިރިކަލުން ކޮލްމަބިއާއިން ހިމާޔަތް ހޯދިކަމެއް އަދި ނޭނގެއެވެ.
ލުއިސާ އޯރޓޭގާ ވިދާޅުވާގޮތުން ރައީސް ނިކޮލަސް މަޑޫރޯ އެކަމަނާ މަގާމުން ވަކިކުރެއްވީ ރައީސް މަޑޫރޯގެ ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހުގީގު ފަށްޓަވާފާނެތީއެވެ. ލުއިސާ އޯރޓޭގާ މަގާމުން ވަކިކުރީ ދާދިފަހުން ނިކޮލަސް މަޑޫރޯ އިފްތިތާހް ކުރެއްވި އާ ގާނޫނު ހަދާ މަޖިލީހުންނެވެ.
ދާދި ފަހުން ވެނެޒުއޭލާގައި އިފްތިތާހް ކުރި އާ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ އިދިކޮޅު ފާރާތްތަކުގެ މެޖޯރިޓީ އޮންނަ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ނިގުޅައިގަނެ އެ މަޖިލީހުގެ ބާރުތައް ވެސް ވަނީ ނަގާފައެވެ.
ވެނެޒުއޭލާގައި ގާނޫނު ހަދާ މަޖީލީހެއް އޮވެމެ، އެ ގާނޫނު ހަދާ މަޖިލީހުގެ ބަދަލުގައި ރައީސް ނިކޮލަސް މަޑޫރޯ އާ ގާނޫނު ހަދާ މަޖިލީހެއްގެ އިންތިޚާބު ބާއްވާ އެ މަޖިލިސް އިފްތިތާހް ކުރީ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކަމަށް ވިދާޅުވެއެވެ. އަދި ގައުމަށް ސިޔާސީ ހަމަޖެހުން ގެންނަވާނެ ކަމަށް ވިދާޅުވެއެވެ. ވެނެޒުއޭލާގެ ގާނޫނު ހަދާ އާ މަޖިލީހުން އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ނެގުމަށް ވޯޓު ދިން އިރު ވެނެޒުވޭލާގެ މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ.
ބައިނަލްއަގްވާމީ މުޖުތަމައު އާއި އަދި ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް މަޑޫރޯ ގާނޫނު އަސާސީ އިސްލާހު ކުރެއްވުމުގެ މަސައްކަތްޕުޅު ކުރައްވަނީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ކަމަށެވެ.