މި ގައުމުގަ ލައްކަ ވެރިން ދެކެފީމެވެ. ލައްކަ ރައީސުންވެސް ދެކެފީމެވެ. ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަންނަވާ ވައުދުތަކާއި ކުރާހާ ހުޝާމާތުވެސް އެތައް ފަހަރަކު އަޑުއަހައިފީމެވެ. އެކަމަކު ދެކެދެކެވެސް މިވަރު ކަމެއް ނުދެކެމެވެ. ވެރިކަމުގެ އަހަރެއް ފުރިހަމަކުރީ ވައުދުތައް ފުއްދާ ނުލެވިއެވެ. އެ ވައުދުތަކަށް ވީނުވީ އެއް ނޭނގި ސުވާލުމާކެއްގެ ތެރޭގައި އުޅެނިކޮށް މިމަނިކުފާނު އެ ވައުދު ފުއްދާނެ ކަމުގެ އިތުބާރެއްގެ ގޮތުން ވެސް ދެއްވަނީ އިތުރު ވައުދުގެ ހަދިޔާއެވެ. އެހެންޏާ ފަހެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދެވި އުޅުއްވަނިކޮށް، އަނެއްކާވެސް އިތުރު ވައުދުތަކެއް ވެވަޑައިގެންފިއެވެ.
އަޖައިބު ހައިރާނެއް ފަހެ ބަޔަކު ނުވާނެހެއްޔެވެ. ރައީސް މުއިއްޒު އއ. އަތޮޅަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އާދިއްތަ ދުވަހު އއ. ތޮއްޑޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެރަށަށް އަނެއްކާވެސް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޑޮލަރު އޭޓީއެމްގެ ވާހަކައެވެ. ސިއްހީ މަރުކަޒުގެ ވާހަކައެވެ. ސްކޫލްގެ ވާހަކަ އާއި މަގުގެ ވާހަކައެވެ. މިއީ އަދި މީގެ ކުރިން ދެކެފައި ނުވާ އުކުޅެކެވެ. ވައުދުގެ މައްޗަށް ކުރެވޭ އަމަލެއް ނެތި އިތުރު ވައުދުވާން ކެރިވަޑައިގަތީތީވެސް ހަމަ ރަނގަޅަށް ވެސް އަންތަރީސްވެއްޖެއެވެ.
މިފަދަ ވައުދުތަކެއް އޮއްސާލެއްވި އިރު 2023 ވަނަ އަހަރުގެ ތެރޭގައި ވެސް އޭރުގެ އިންތިޙާބާއި ދިމާކޮށް އެރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެއިން ކަމެއް ނުފުދި އުޅެނިކޮށް އެ އޮއްސާލެއްވީ ވައުދުގެ އިތުރު ފުންޏެކެވެ. ރައްޔިތުންނަށް ހަމަހަމަ ގޮތެއްގަ ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރު ނެގޭނެ މަގު ފަހިކޮށްދެއްވާނެ ވާހަކައެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެފައިވާ ހުރިހާ ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.
ވިދާޅުވަނީ އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގައިދޭނެ އަހަރަށް ކަމަށެވެ. އެހެންވީމަ އެ ވައުދުތައް ފުއްދާނެކަމުގެ ޔަޤީންކަން ދެއްވަން އަނެއްކާވެސް އިތުރު ވައުދުތަކެއް ވެވަޑައިގަތީތާއެވެ. ނަދުރުވެސް މީހުން ބުނަނޫ ފުދޭ މިންވަރަކުންނެވެ. ނަދުރު މައްޗަށް ނަދުރު، އަހުދު މައްޗަށް އަހުދު ވުމަކީ އިތުބާރު ހިފޭ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ. އަމުދުން ވެރިއަކު ކުރާ ޒާތުގެ ކަންކަމެއް ނޫނެވެ. އެކަމަކު މި ވެސް ފިލާވަޅެކެވެ. މިއަށް ކިޔަންވީ ނުފުއްދޭހާ ނަދުރު ބުނުމޭ ނޫންބާވައޭ ހިތަށް އަރައެވެ. އެހެން ނުބުނެވެންވީ ސަބަބެއް ނެތެއް ނޫންތޯއެވެ. ވީ ވައުދުތައް އަދި އެހުރީ ހުސް ވާހަކަތަކުގެ ގޮތުގައެވެ. އެކަމަކު ކަންކަން ނުވާ މިންވަރުން އަދިވެސް އެ ވެވަޑައިގަންނަވަނީ ވައުދެވެ.