ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އަނެއްކާ ވެސް ބާސެލޯނާ އިން މުހިންމު ޕޮއިންޓެއް ގެއްލުވާލައިފި އެވެ.
ބެޓިސްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ލީޑު ހޯދާފައި ވަނިކޮށް، ބެޓިސް އިން ނަތީޖާ ހަމަހަމަ ކުރީ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ އެ ލަނޑު ޖެހީ ޖޫލްސް ކޫންޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބެޓިސް އިން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯ އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ބާސެލޯނާ އިން ލީޑު ނެގީ 82 ވަނަ މިނެޓުގައި ފެރާން ޓޮރޭސް ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ބެޓިސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަސާނޭ ޑިއާއޯ އެވެ.
ނަތީޖާ އާއެކު ބާސެލޯނާ އަށް އެއް ވަަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު އަނެއްކާ ވެސް މި ވަނީ ގެއްލިފަ އެވެ. މިހާތަނަށް ކުޅުނު 17 މެޗުން އެ ޓީމަށް ލިބެނީ 38 ޕޮއިންޓެވެ. ސީޒަންގެ ކުރީ ކޮޅު ބާސެލޯނާ އިން ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް، މިހާރު އެ ޓީމުގެ ނަތީޖާ ވަނީ ކޮންމެ ވެސް ވަރަކަށް ދަށްވެފަ އެވެ.