މިހާރު ފެހި ޤާނޫނުއަސާސީގެ ދަށުން ހޯދި ހައްގުތަކުން ލިބެނީ ކިހާ މިންވަރެއްތޯ މިއަދު ސުވާލު އުފެއްދުން މުހިންމު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ކުޅުދުއްފުށީގައި ބޭއްވި ޤާނޫނު އަސާސީގެ ދިފާއުގައި ބޭއްވި މައިދާނީ އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. ޔާސިރު ވިދާޅުވި ދިވެހި ރައްޔިތުން ޤާނޫނުއަސާސީ ހޯދީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެ ޤާނޫނުއަސާސީއަކީ އެތައްބައެއްގެ ބުރަމަސައްކަތް ކަމަށާއި އެ ހައްގުތައް ހޯދަން މަސައްކަތް ކުރި މީހުންގެ ފުރާނަ ގެއްލި ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ޤާނޫނުއަސާސީން ލިބޭ ހައްގުތައް ދިފާއުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީ ދިފާއުކުރަން ޖެހޭ ކަމުގެ ސައްލާތައް މާލޭގައި ފެށިގެން ދާއިރު ކުޅުދުއްފުށީ ރައްޔިތުންވެސް ތިބީ ހަމަ އެފަދަ ރޫހެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމު ރައްޔިތުން ތިބީ ލިބިފައިވާ ހައްގުތައް ދޫކޮށްލާ ފަހަތަށް ޖެހެން ތައްޔާރަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޔާސިރު ވަނީ ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ފުނޑާލަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް 10 ޑިސެމްބަރ ވާ އަންގާރަ ދުވަހު ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަށް އާއްމުން ދިޔަ ނުދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ.
އެއްބަނޑު އެއްބަފާ މީހެއް ހުރިއްޔާ އެ މީހަކަށް އެބަ މެސެޖު ކުރުވާ. މާމަ ދަރިއެއް ހުރުވާ އެ މީހަކަށް ވެސް ގުޅަނީ. ގުޅާފަ ބުނާށޭ މާމާއޭ އެއްވުމަށް، ޖަލްސާ އަށް ނުދާށޭ. މާމަ ދަރިންލައްވާ މާމައަށް ވެސް އެބަ މެސެޖުކުރުވާ. މި ވަރަށް ޖައްސަމުން އަންނަ އިރު ރައްޔިތުން ދައްކާ ހިތްވަރަށް ފަށްފަށުން ޝުކުރު ދަންނަވަން.ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފަށް، އެ ގާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްހާލު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މައްސަލަ އެއް ވަނީ ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެކަންކަމަށް އިޝާރާތްކުރައްވާ ޔާސިރު ވިދާޅުވީ މިހާރު ދިވެހިން މިތިބީ އަނެއްކާވެސް ޤާނޫނުއަސާސީއަކީ ކޮބާކަން ސާފުކޮށް ބުނެދޭން ޖެހޭ ހިސާބުގައި ކަމަށް ޔާސިރު ވިދާޅުވިއެވެ. އެކަން އެހެންވަނީ ޤާނޫނުއަސާސީއަކީ މުހިންމު އެއްޗެއްކަން އާއްމުންނަށް އެނގިޔަ ނުދިނުމަށް ބަޔަކު މަސައްކަތްކުރަމުންދާތީ ކަމަށް ޔާސިރު ވިދާޅުވިއެވެ. ޤާނޫނުއަސާސީއަކީ ރައްޔިތުންނަށް ލިބޭ ބާރާއި، ވެރިންހިންގުމުގެ ބާރު ވަކިވާ އަސާސްކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއިން ވެރިކަމަށް އައުމުން ޤާނޫނުއަސާސީ ނެގެހެއްޓި ނަމަވެސް އެހެން ވެރިކަންތަކުން އެ މަންޒަރު ނުފެންނަ ކަމަށް ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވަނީ ޤާނޫނުއަސާސީން ލިބިދޭ ލާމަރުކަޒީ ބާރުތައް ސަރުކާރުން ނިގުޅައިގަންނަކަމަށް ފާހަގަކޮށް އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެ އެއްވުމުގައި ވިޔަފާރިވެރިންނާއި ބައެއް އެހެން މީހުންވެސް ވަނީ ޝުއޫރުފާޅުކޮށްފައެވެ. މިއީ މިހާތަނަށް އައި އިރު ވިޔަފާރިވެރިންނާއި އާއްމުންނަށް އެންމެ ދަތި ދުވަސްވަރުކަމަށް އެ މީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކޮވިޑް-19އިގެ ހާލަތުގައި އިގްތިސާދު ދަށް ނުވާ ވަރަށް ގައުމުގެ ހާލަތު ދަށްކޮށްލާފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.