ދިވެހިރާއްޖެއަށް ހެޔޮ ކަމެއް ކޮށްދޭނެނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކާއެކު ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވައުދެއް ނުފެއްދޭ ކަމަށާއި، އިތުރު ދޮގުތައް ހައްދަވަމުން ގެންދަވާ ކަމަށް ރާއީ ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެކިއެކި ސިފަސިފައިގައި ފެންނަކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ހިންގެވުމަށް މިނިސްޓަރު އައްޔަން ކުރައްވާފައިވީ ނަމަވެސް އެތަންތަނުގެ ވެރިއަކީ އަދި މޫނަކީ ރައީސް މުއިއްޒު ކަމަށެވެ. އަދި ވަރަށް އޯގާތެރިކަމާއެކު ވާހަކަފުޅު ދައްކަވައި، ވަރަށް މަޑުމައިތިރިކޮށް ވެސް އެމަނިކުފާނު ފެންނަ ކަަމަށެވެ. ނަމަވެސް އެންމެފަހު ވަގުތު ކަންކަން ކުރައްވަނީ ދިމާ އިދިކޮޅަށް ކަމަށް ރާއީ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއީ ވިދާޅުވީ މިސަރުކާރުގައި މިހާތަނަށް ރާއްޖެއަށް އަދި ރައްޔިތުންނަށް ރަނގަޅަށް ކަމެއް ކޮށްދެވިފައިނުވާ ކަމަށާއި، މުޅި ދުނިޔެއަށް ރާއްޖެ ފަލީހަތް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ހެޔޮ އެދޭނަމަ ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޅި ދުނިޔޭގައި އަޅުގަނޑުމެން ފަލީހަތް ކޮށްފި. އަޅުގަނޑުމެން ނިކަމެތިކޮށްފި.ވެރިކަމުގައި ހުންނަވައިގެން މަނިކުފާނު މިގައުމަށް ހެޔޮ ކަމެއް ކޮށްދެއްޏާމުން ކޮށްދޭންވީ އެންމެ ކަމެއް. ކޮށްދޭންވީ އެންމެ ކަމެއް. މަނިކުފާނު އިސްތިއުފާ ދޭންވީ. މިރޭއިން ވަގުތުން ވަގުތަށް މަނިކުފާނު އިސްތިއުފާ ދެއްވަންވީ.މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ
މި ސައްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިސަރުކާރު މިދާ މިސްރާބު ގޯސްކަމާއި، ގާނޫނު އަސާސީއަށް މިސަރުކާރުން ބޯނުލަބާކަން ވަރަށް ސާފުވެފައިވާ ކަމަށެވެ.
އެހެންކަމުން 10 ޑިސެންބަރު 2024 ގައި ކާނިވާގައި ބާއްވާ ޖަލްސާގައި ހުރިހާ ރައްޔިތުން ބައިވެރިވެ، ރައްޔިތުން ސަރުކާރާ މެދު ނުރިހިފައިވާ މަންޒަރު ސަރުކާރަށް ދައްކައިދޭންޖެހޭ ކަމަށެވެ. މުޅި ސަރަހައްދު ފުރާލަންޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.