ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 10:54
ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނައި ކަމަށް ބުނާ "ސްނައިޕަރު"
ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނައި ކަމަށް ބުނާ "ސްނައިޕަރު"
މިހާރު
ސްނައިޕަރު މައްސަލަ
ސްނައިޕަރު މައްސަލަ: މެދުކެނޑިފައި އޮންނަތާ 11 މަސް ފަހުން މާދަމާ އަޑުއެހުމެއް!
އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރު ސެޕްޓެމްބަރުގައި
ޝަރީއަތް ނިމެންދެން ބަންދުކޮށް، އަޑުއެހުމެއް ނުބާއްވާތީ ކަންބޮޑުވުން
ލަންކާ ރައްޔިތެއް ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގައި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ސްނައިޕަރަކު ރާއްޖެ ގެނައި ކަމަށް ބުނެ ހިންގާ ޝަރީއަތް މެދުކެނޑިފައި އޮންނަތާ 11 މަސް ފަހުން، އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލުމަށް ގެނެސްފައިވާ ސްނައިޕަރެއް ކަމަށް ބުނެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އަހަރެއްހާ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭއްވުމަށް ފަހު މަދުޝަންކަގެ މައްޗަށް,އެނގި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.

ސްނައިޕަރަކު ލައްވާ ރައީސް ޔާމީން އަވަހަރާކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި މަދުޝަންކާގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ފަޒީލް ހަމީދު (ލޮރިއްޕެ)ގެ އިތުރުން އިސްހާގު ހުސެއިން (ސާގޭ)ގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. އަދީބާއި ފަޒީލްގެ އިތުރުން އިސްހާގުގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެމީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި ބަޑިޖަހާ މީހަކު ހޯދުމަށް އެމީހުން ރާވައި، އެ ރޭވުމުގެ ދަށުން މަދުޝަންކާ ރާއްޖެ ގެނައި ކަމަށެވެ.

މި މައްސަލައިގައި ދައުވާ ލިބޭ އިސްހާގާއި ފަޒީލްގެ އިތުރުން މަދުޝަންކާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދީބު މިހާރު ވެސް ގެންދަވަނީ ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު އެވެ. ސިއްރުކޮށްގެން ބޭއްވި އެ އަޑުއެހުމުގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކަކު އޭނާ އަށް ފުލުހުން ބިރުދައްކައި މަޖުބޫރުކޮށްގެން ބަޔާނެއް ނެގުވި ކަމަށް ބުނެ، ތަހުގީގަށް ދިން ބަޔާނަށް އިންކާރުކުރި ހިސާބުން އެ ޝަރީއަތް ވަނީ ހުއްޓިފަ އެވެ.

އެ އަޑުއެހުމަށް ދައުލަތުން ހާޒިރުކުރި ދެ ހެކީންގެ ތެރެއިން އެކަކު ވަނީ ފުލުހުން އޭނާ އަށް ބިރުދައްކައި ބަޔާން ނެގި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ކޮއްކޮ ހައްޔަރުކޮށް ބިރުދައްކައި އޭނާއާ މެދުވެސް އެފަދަ ގޮތަކަށް އަމަލު ކުރާނެ ކަމަށް ބުނެ ފުލުހުން ބޭނުންވާ ގޮތަށް ބަޔާންދޭން މަޖުބޫރު ކުރުވި ކަމަށް ހެކިވެރިޔާ ކޯޓުގައި ބުނެފައި ވެއެވެ. 

ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއްވާތީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސްރީލަންކާގެ ފޮރިން މިނިސްޓްރީން ދިވެހި ސަރުކާރާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޝަރީއަތް އަވަސް ކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް