ސަރުކާރުގެ ކޮރަޕްޝަނާ ވައްކަމުގެ ވާހަކަ ދައްކާތީ އިވެނީ ތިޔަހެންނަކުން ނޫނެވެ. ކުންފުނިތަކުގައި އާއި ވުޒާރާތަކުގައި ވެސް މި ނޫން ކަމެއް ނެތް ވާހަކަ ރަށު ތެރޭގައި ދައްކަނީ މާގިނައެއްކޮށެވެ. ނަމަވެސް މި ހައެއްކަ ދުވަހުގެ ތެރޭގައި އިވެމުން މި ދަނީ އާދަޔާ ޚިލާފު ވައްކަމެއްގެ ވާހަކައެވެ. އާއްމު ރައްޔިތުންނަށް އާސަންދަ ލިބުން އިންތިހާއަށް ދަތިވެ އެންސްޕާގެ ފަރާތުން ލިބެމުންދިއަ އެހީތައް ލިބުން ދަތިވެފައި އޮތް ދަނޑިވަޅެއްގައި މި އިވުނީ އެންސްޕާއިން ބޮޑު ވައްކަމެއް ހިންގާލި ވާހަކަ އެވެ. ކުރީގެ ރައީސެއްގެ ބަހުރުވައިން ނަމަ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މަނީ ލޯންޑަރ ކުރެއްވި ވާހަކައެވެ.
މިހާ ހިސާބުން ބަލާލަން ބޭނުންވީ މިއީ ކިހިނެއް ހިނގައިގެން އުޅޭ ކަމެއްތޯއެވެ. މިކަން ބެލި ބެލުމުން އެކި މީހުންގެ ފުށުން ސާފުވި އެއްޗަކީ ހަދައިގެން އުޅެނީ ޓީވި ޗެނަލްއެއް ކަމެވެ. ޗެނަލް ހަދަން ކުއްޔައް ނަގައިގެން އުޅެނީ 12000 އަކަފޫޓުގެ 4 ފްލޯކަމެވެ. ކުއްޔަށް ނެގީ މޯލްޑިވްސް މީޑިއާ ހައުސް ކިޔާ ކުންފުންޏަކުން ކަމެވެ. ކުންފުނީގެ ހިއްސާދާރުން ގުޅެނީ ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅުންނާ ކަމެވެ. ޓީވީގެ ނަމުގެ އަކުރުތައް ރަމްޒުކޮށްދެނީ ރައީސް މުއިއްޒުގެ ނަންފުޅު ކަމެވެ. މީހުން ބުނާ ގޮތުގައި ޗެނަލް ހެދުމާ އިކުއުޕްމަންޓްސް ގެނައުމާ ތަންހިންގުމުގައި ވެސް ސަރުކާރުގެ ވަސީލަތްތަކާ މީހުންނާ ފައިސާ ވަނީ އިންތިހާއަށް ބޭނުންކޮށްފައެވެ.
މިހާ ހިސާބުން މަންޒަރުގެ ތެރެއަށް ވަންނަނީ އެންސްޕާއެވެ. އޮފީސް ހިންގާނެ ތަނެއް ނެތިގެން ތަނެއް ހޯދަމުން ދަނިކޮށް އޮފީސް ހިންގާލާނެ ދެ ފްލޯ އެންސްޕާ އަށް ކުއްޔަށް ދިނީ އެއްކަލަ މީޑިއާ ހައުސްއިންނެވެ. ކުރިން ބުނި ހަތަރު ފްލޯގެ ތެރެއިން ދެ ފްލޯއެވެ. 5 ލައްކާ ރުފިޔާ އަށްވުރެ ބޮޑު އަގަކަށެވެ. އިއްތިފާގަކުން ނަމަވެސް ފިނޭންސް މިނިސްޓްރީއާއި ޓެންޑަރ ބޯޑާ ވެސް ގުޅިގެންނެވެ. އެހާ ހިސާބުން ސޯޝަލް މީޑިއާ އަށް ތިލަވެގެން އައީ އެންސްޕާއާއި މޯލްޑިވްސް މީޑިއާ ހައުސްއާއި ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. 34 މިލިއަން ރުފިޔާގެ އަގުބޮޑު އެއްބަސްވުމެކެވެ. އަޖައިބެއް ކަހަލަ އިއްތިފާގަކީ އެންސްޕާ ހިންގަވަން މިވަގުތު ހީނާ ވަލީދު ހުންނެވި ކަމެވެ. ހީނާ އަކީ ޕީއެންސީއާއި ސަރުކާރުގެ ވެސް ތަރުޖަމާނު ކަމެވެ. މި ޗެނަލް އުފެއްދުމުގައި އެންމެ ބުރަކޮށް އުޅުއްވާ ކަމަށް ބުނާ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލާ ހީނާއާއި ދެ ބޭފުޅުންގެ ގާތްކަމެވެ. ދެން އިވުނު އަނެއް ވާހަކަ އަކީ ޗެނަލް އަށް ގެނައި އިކުއިޕްމަންޓްސް އަކީ ވެސް ދުނިޔޭގައި އުފައްދާފައިވާ މިބާވަތުގެ އެންމެ ފަހުގެ އަގުބޮޑެތި އިކުއިޕްމަންޓްސް ކަމެވެ. ރަށުތެރޭގައި ކިޔަނީ މިވެސް ގެނައީ އެސްޓީއޯއިން ކަމަށެވެ. ގެނައީ ދައުލަތުގެ މީޑިއާގެ ނަމުގައި ކަމަށެވެ.
ޗެނަލް ހެދުމަކުން މައްސަލައެއް ނެތެވެ. ވަޒީރުން ފެންވަރުގެ ބޭބޭފުޅުންގެ ދޮންދަރިންގެ ނަމުގައި ކުންފުނި ހެދުމަކުން ވެސް މައްސަލައެއް ނެތެވެ. ވަޒީރު ފެންވަރުގެ ބޭބޭފުޅުންގެ ގޭގެ ނަމުގައި ކުންފުނި ރަޖިސްޓްރީވެފައި އޮތުމަކުން ވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އާއްމު ރައްޔިތުންނަށް ކުރިން އާސަންދައިން ލިބުނު ތައިރޮއިޑް ބޭހާ ހަކުރު ބޭހާ މި ނޫނަސް އެތައް ބޭސްތަކެއް އާސަންދައިން ނުލިބި ސިއްހީ ޚިދުމަތަށް އެތައް ބޮޑެތި ޚަރަދު ތަކެއް އަމިއްލަ ޖީބުން ކުރަންޖެހި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާނެ އެހީތެރިކަމެއް އެންސްޕާއިން ނުލިބި ރައްޔިތުން ބިކަވެފައިވާ ދަނޑިވަޅެއްގައި އިއްތިފާގަކުން ނަމަވެސް ރައީސް މުއިއްޒުގެ ޗެނަލް އެއް ކަމަށް ބުނާ ޗެނަލްއަކުން ކުއްޔަށް ހިފާފައިވާތަނަކަށް އެންސްޕާގެ އޮފީސް ހިންގުމުގެ ނަމުގައި މިލިއަނުން ޚަރަދުކޮށް ވައްކަން ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތެވެ.
އެއްބަސްވުން އުވާލުމަކުން ބަދުނާމު ކުރަނީއޭ ބުނުމަކުން ރައްޔިތުން ދޮގު ހަދަނީ އޭ ކިޔުމަކުން އަގުވެއްޓިޖެ ކަމަށް ބުނެ ބަޔާން ނެރުމަކުން މޯލްޑިވްސް މީޑިއާ ހައުސްއާއި އެކު އެއްބަސްވުމެއް ނަހަދާ ކަމަކަށް ނުވާނެއެވެ. މިހުރިހާ ކަމެއް ދިމާއަށް ފެންނަން އޮތްވާ މިއީ ކޮރަޕްޝަނެއް ޚިޔާނާތެއް ވައްކަމެއް ނުހިމެނޭ އަމަލެއް ކަމަށް ބުނާނެ އިންސާނަކު އެންސްޕާގެ ސީއީއޯ ހީނާ ފިޔަވައި މި އުޑު ދަށަކުން ނުހޯދޭނެއެވެ. ރައީސް ޕްރޮމޯޓް ކުރައްވާށެވެ. ދިފާޢު ވެސް ކުރައްވާށެވެ. ޗެނަލް ވެސް ހައްދަވާށެވެ. ތަންތަން ކުއްޔަވެސް ނަންގަވާށެވެ. އެކަމަކު ރައްޔިތުންގެ ބޭސްފަރުވާއަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ދީފައި ހުރި ލާރިން ވައްކަން ނުކުރައްވާށެވެ.